މެސީ އަރައި ބާސެލޯނާ ބަލިނުވެ ސަލާމަތްކޮށްދީފި

ސެވިލް (އޭޕްރިލް 1) – ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ލިއޮނަލް މެސީ ވައްދާލި ލަނޑާ އެކު ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ 2-2 އިން އެއްވަރުކޮށް ބާސެލޯނާ އިން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް މެޗެއް އިތުރުކޮށްފި އެވެ.


އެކަމަކު މި ނަތީޖާއާ އެކު އެއް ވަނައިގައި އޮތް ބާސެލޯނާއާ ގާތްކުރަން ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ ފުރުސަތު ލިބިފަ އެވެ. ބާސެލޯނާ 76 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު 64 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މިރޭ ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން މޮޅުވެއްޖެ ނަމަ ނުވަ ބާސެލޯނާއާ ޕޮއިންޓަށް ގާތް ވާނެ އެވެ.

ސެވިއްޔާ އިން މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގުމާ އެކު މިދިޔަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ފަހުން ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވާނެ ކަމަށް ބެލެވުނެވެ. ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލާފައިވާ ސެވިއްޔާ އަށް 36 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ފްރާންކޯ ވަސްކުއޭޒް އެވެ. ދެ ވަނަ ގޯލް 50 ވަނަ މިނެޓުގައި ޖެހީ ލުއިސް މުރިއެލް އެވެ.

ބާސެލޯނާ އަށް އުއްމީދެއް ގެނެސްދިނީ 88 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ. އޭގެ މިނެޓެއް ފަހުން ފިލިއްޕޭ ކުޓީނިއޯ ދިން ބޯޅައަކުން މެސީ ވަނީ ގޯލް ޖަހައި ބާސެލޯނާ ބަލިނުވެ ސަލާމަތްކޮށްދީފަ އެވެ. މެސީ މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރިއިރު، މިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި އޭނާ އަށް އާޖެންޓީނާ އަށް އެއްވެސް މެޗެއް ކުޅެނުދެވުނެވެ. އިޓަލީ އަތުން މޮޅުވި މެޗާއި ސްޕެއިން އަތުން ބަލިވި މެޗުގައި އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅިބަލާށެވެ.

ލީގުގައި ރޭ ރެއާލް މެޑްރިޑް ވަނީ ރަށުން ބޭރުގައި ލަސް ޕަލްމަސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 63 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މި މެޗުގެ 26 ވަނަ މިނެޓުގައި މެޑްރިޑަށް ކުރި ހޯދައިދިނީ ގަރެތު ބޭލް އެވެ. އަދި 39 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކަރިމް ބެންޒެމާ ލީޑު ފުޅާކޮށްދީފައިވަނިކޮށް ތިން ވަނަ ގޯލް ޕެނަލްޓީއަކުން 51 ވަނަ މިނެޓުގައި ޖެހީ ބޭލް އެވެ.