ޔުނައިޓެޑުގެ ފުރަތަމަ އޮފާއަށް ޔުވެންޓަސް އިން ނޫނެކޭ ބުނެފި

ޓިއުރިން، އިޓަލީ (ޖުލައި 20) - ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 101 މިލިއަން ޔޫރޯގެ ހުށަހެޅުމަށް ޔުވެންޓަސް އިން ނޫނެކޭ ބުނެފި އެވެ.


ޔުނައިޓެޑުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑް މި އޮފާ ހުށަހެޅީ، ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާއާ އެކު، ޔުވެންޓަސްގެ ޑިރެކްޓަރު ޖެނެރަލް ބެއްޕޭ މަރޯޓާއާ އިއްޔެ ބައްދަލުކުރުމަށް ފަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް އިން އެއްބަސްވާނީ މަދުވެގެން 120 މިލިއަން ޔޫރޯގެ އަގަކަށެވެ. ޔުވެންޓަސް އިން ޔުނައިޓެޑާ އެކު ބައްދަލުކުރީ، ކްލަބް ބަދަލުކުރަން ޕޮގްބާ ވެސް ބޭނުންވުމުންނެވެ. އެކަމަކު އިއްޔެ އަގަކާ މެދު އެއްބަސްނުވެވުމުން އިތުރު ބައްދަލުވުންތަކެއް މި ހަފުތާގައި ބާއްވާނެ އެވެ.

ޕޮގްބާ މިހާރު ވަނީ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެއީ މުސާރައިގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ އަދި އިމޭޖް ރައިޓްސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. މީގެ އިތުރުން ޔުނައިޓެޑުން ވަނީ، އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ޕޮގްބާގެ އޭޖެންޓް ރައިއޯލާ އަށް ވެސް ބޮޑު އަދަދެއް ދޭން އެއްބަސްވެފަ އެވެ. ބާކީ އޮތީ ޔުވެންޓަސްގެ އާ ބަހެވެ.

ޔުވެންޓަސް އިން ކޮންމެ އަގަކަށް ޕޮގްބާ ވިއްކާލި ނަމަވެސް އެ ޓީމަށް ލިބޭ އަދަދެއް ވާނީ ސާފު ފައިދާއަށެވެ. އެއީ އޭނާ އަކީ 2012 ވަނަ އަހަރު ޔުނައިޓެޑުން ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިޔަކަށްވާތީ އެވެ. އެކަމަކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޓާގެޓްކުރަމުން އަންނަ ޔުވެންޓަސް އިން ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އާދައިގެ އަގަކަށް ވިއްކާލާކަށް ބޭނުމެއް ނުވެ އެވެ.

ޕޮގްބާ ގަތުމަށް ޔުނައިޓެޑަށް އެންމެ ބޮޑަށް ބާރު އަޅަނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗުގެ އިތުރުން، ބޮރޫޝިއާ ޑޯޓްމަންޑުގެ މިޑްފީލްޑަރު ހެންރިކް މިކިތިރަޔަން އަދި އުއްމީދީ ޑިފެންޑަރު އެރިކް ބެއިލީ ޔުނައިޓެޑަށް ގެނެސްފައިވީ ނަމަވެސް، މޮރީނިއޯގެ ޕްލޭން ފުރިހަމަވާނީ ޕޮގްބާއާ އެކު އެވެ.