އިނިއެސްޓާ އަށް ދެ ހިތާމައެއް

ރޯމް، އިޓަލީ (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުން ރޭ ބާސެލޯނާ ކެޓުމުން އެ ޓީމަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ދެ ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


އަމިއްލަ ދަނޑުގައި ރޯމާ އަތުން 4-1 އިން ބާސެލޯނާ މޮޅުވި ނަމަވެސް ރޯމާ ވަނީ ރޭ ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް ރަށުންބޭރުގައި ޖެހި ގޯލާ އެކު ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން ކެޓި ތިން ވަނަ ފަހަރެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ އަންނަ އަހަރު އެ ޓީމުން ފެނުމާ ބެހޭގޮތުން ރޭގެ މެޗަށް ފަހު ވެސް ސީދާ ޖަވާބެއް ނުދެ އެވެ.

"މިއީ އަހަރެން ޗެމްޕިއަންސް ލީގުން ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތް. އެ ސަބަބަށްޓަކައި އަހަރެން ކުރަން ޖެހޭ ހިތާމަ ބޮޑުވޭ. މިއީ އެއްވެސް ބަޔަކު އުއްމީދުކުރި ނަތީޖާއެއް ނޫން. އެއީ އަހަރެމެން އޮތީ ބޮޑު ލީޑެއްގައި،" އިނިއެސްޓާ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުން ބޭނުންވާ ގޭމް ނުކުޅެވުން ކަމަށެވެ.

"އަމިއްލަ ސްޓައިލަށް ނުކުޅެވި ގިނަ ގޯސްތަކެއް ހެދޭނަަމަ މިއީ ދިމާވާނެ ގޮތް،" އިނިއެސްޓާ ބުންޏެވެ.

އިނިއެސްޓާ ހޯދަން އެމެރިކާ ލީގުގެ ކްލަބްތަކާއި ގަތަރު އަދި ޗައިނާގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އިނިއެސްޓާ ދާދި ފަހުން ބުނީ އޭނާ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފަހު އަންނަ މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.

އިނިއެސްޓާ ވަނީ ބާސެލޯނާއާ އެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޔުއެފާގެ ޓީމުގައި އޭނާ ވަނީ ހަ ފަހަރު ހިމެނިފަ އެވެ.