އެމްބާޕޭ އަށް 200 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބުނު

މޮނާކޯ، ފްރާންސް (އޭޕްރީލް 17) - ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އަށް މިދިޔަ އަހަރު 200 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބުނު ކަމަށް މޮނާކޯގެ ޗީފް ވާޑިމް ވަސީލިއެވް ވިދާޅުވެއްޖެ އެވެ.


އުމުރުން 19 އަހަރުގެ އެމްބާޕޭ އަކީ މިދިޔަ ސީޒަނުގައި މޮނާކޯ އިން ފްރެންޗް ލީގު ކާމިޔާބުކުރިއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އެމްބާޕޭ މި ސީޒަނުގައި ޕީއެސްޖީއާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ޕީއެސްޖީން ބޭނުންވެއްޖެނަމަ 180 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ.

"މިދިޔަ އަހަރު އަހަރެމެން ފުރަތަމަ އެމްބާޕޭ ވިއްކާލަން އުޅުނީ ރެއާލް މެޑްރިޑަށް. އެމީހުން ވަރަށް ވާހަކަ ދެއްކި. އެކަމަކު ފަހު ވަގުތު އެމްބާޕޭ ނިންމީ ޕީއެސްޖީ އަށްދާން،" ވަސީލިއެވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބާޕޭ އަށް ހުށަހެޅުން ލިބުނީ ހަމައެކަނި ޕީއެސްޖީ އާއި ރެއާލުން ނޫން ކަމަށާއި އޭނާ އަށް އެހެން ކްލަބްތަކުން ވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

"ބައެއް ކްލަބްތަކުން ހުރި އެމްބާޕޭ އަށް 200 މިލިއަން ޔޫރޯ ވެސް ދޭން ތައްޔާރަށް. އެކަމަކު އެ ކްލަބްތަކުން އެ އަގު ދައްކަން ހުށަހެޅި ގޮތާ މެދު އަަހަރެމެން އެއްބަސްނުވީ. އެ މީހުން ބޭނުންވީ ދެ އަހަރު ބައިން އަގު ދައްކާ ގޮތަށް އޭނާ ގެންދަން،" ވަސީލިއެވް ވިދާޅުވި އެވެ.

އެމްބާޕޭ ހޯދަން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިކަން ފާޅުކުރި އެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ އަށް 200 މިލިއަން ޔޫރޯ ހުށަހެޅީ ސިޓީންނެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައި އޮތް އެއްބަސްވުން ދާއިމީ ކުރުމުގެ ކުރިން އޭނާ ހޯދަން ރެއާލާއި ސިޓީން އަލުން މަސައްކަތްކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.