މެސީ އަށް އަރާމްކުރަން ވަގުތު ދޭން ޖެހޭ: ވަލްވޭޑޭ

ބާސެލޯނާ (އޭޕްރީލް 17) - ސީޒަނުގެ ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމުންނާއި ވޯލްޑް ކަޕް އަހަރަކަށްވާތީ ލިއޮނަލް މެސީ އެންމެ ރަނގަޅު ފިޓްނަސް ލެވެލެއްގައި ބެހެއްޓުމަށް އޭނާ އަށް ބައެއް ވަގުތުތަކުގައި އަރާމްކުރަން ފުރުސަތުދޭން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.


ސްޕެނިޝް ކަޕުގެ ފައިނަލްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު އަންނަ ހޮނިހިރު ދުވަހު އޮތްއިރު، ސްްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ނުކުންނާނީ ރަށުންބޭރުގައި ސެލްޓަ ވިގޯއާ އެކު އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން ވަނީ ލީގުގެ ބޮޑު ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށްގެންނެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކުރަން ބާކީ އޮތް ހަ މެޗުން ބާސެލޯނާ އަށް ބޭނުންވަނީ ހަތް ޕޮއިންޓެވެ.

ވަލްވޭޑޭ ބުނީ މިރޭގެ މެޗުގައި މެސީ ނުފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މެސީ އަށް އަރާމްކުރަން ވަގުތު ދޭން އެބަޖެހޭ. އެއީ އޭނާގެ ކުޅުން ދަށްވެގެނެއް ނޫން. އެއީ އަހަރެމެން އަތުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއާ މެދު އަހަރެމެން އެބަޖެހޭ ސަމާލުވާން. މިރޭގެ މެޗަށް ރަނގަޅު ޓީމެއް ނަގާނަން،" ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭ ބުނީ މި އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށް ވުމުން މެސީ ބޭނުންކުރުމުގައި އޭނާ އާޖެންޓީނާއާ މެދު ވެސް ކޮންމެވެސް ވަރަކަށް ވިސްނަން ޖެހޭ ކަމަށެވެ.

"ވޯލްޑް ކަޕަކީ މެސީ ކަހަލަ ކުޅުންތެރިއަކަށް ވަރަށް މުހިއްމު މުބާރާތެއް. އޭނާ ނެތި ވޯލްޑް ކަޕް ފުރިހަމަ ނުވާނެ ކަމަށް ބުނާ މީހުން ވެސް އެބަތިބި. އަހަރެން އެބަޖެހޭ އާޖެންޓީނާއާ މެދު ވެސް ވިސްނަން،" ވަލްވޭޑޭ ބުންޏެވެ.

ސެލްޓަ ވިގޯ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.