ކުޅުންތެރިން ފިޓެއް ނޫން، ބަލިވުމަކީ މައްސަލައެއް ނޫން: މޮރީނިއޯ

ޝަންހާއީ، ޗައިނާ (ޖުލައި 23) - ޕްރީ ސީޒަނުގައި ކުޅޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-1 އިން އިއްޔެ މެންޗެސްޓާ ޔުނައިޓެޑް ބަލިވީ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މިއީ ޔުނައިޓެޑަށް މޮރީނިއޯ ކޯޗު ކޮށްދިން ފުރަތަމަ މެޗެވެ. އޭނާ ބުނީ ޕްރީ ސީޒަން މެޗަކުން ބަލިވުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ޕްރީ ސީޒަނުގައި އެޑްވާންޓޭޖް އޮންނާނީ ކުރިން ޕްރެކްޓިސް ފަށާ ޓީމަކަށް. މިއީ ޑޯޓްމަންޑްގެ ފަސް ވަނަ މެޗު އަހަރެމެންގެ ފުރަތަމަ މެޗު. ކުޅުންތެރިންގެ ފިޓްނަސް ވަރަށް ދަށް. ބަލިވީ އެންމެ ބޮޑު އެއް ސަަބަބަކީ އެއީ،" މޮރީނިއޯ ބުންޏެވެ.

މުހިއްމު ކުޅުންތެރިން ނުލައި ޔުނައިޓެޑް ކުޅުނު މި މެޗުގައި އެ ޓީމު ކޮޅަށް ޑޯޓްމަންޑްގެ ލަނޑުތައް ކާމިޔާބުކުރީ ގޮންޒާލޯ ކާސްޓްރޯ އާއި އޮސްމާން ޑެމްބެލޭ އަދި ޕިއޭ އައުބަމަޔަންގެވެ. މީގެ ތެރެއިން ކާސްޓްރޯ ދެ ލަނޑު ޖެހި އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޑޯޓްމަންޑް ދޫކޮށް އެ ޓީމަށް ބަދަލުވި އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ.

"ޑޯޓްމަންޑް ފެނުނީ މާ ތަފާތުކޮށް. އެ ޓީމަށް ލިބުނީ ހައްގު މޮޅެއް. އަހަރެމެންގެ ފުރަތަމަ މެޗަށް ވުމުން ދަށްކޮށް ދިޔައީ. މި ނަތީޖާގެ ފަރަގު ބޮޑު. 3-2 އަކީ އެންމެ ރަނގަޅު ނަތީޖާ. އެކަމަކު ޕްރީ ސީޒަންގައި މެޗުތަކުގައި މިކަހަލަ ނަތީޖާ ނުކުތުމުން ހައިރާނެއް ނުވޭ،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ.