ބާސެލޯނާއާ ދެކޮޅަށް ދުވަހަކު ވެސް ނުކުޅޭނަން: އިނިއެސްޓާ

ބާސެލޯނާ (އޭޕްރިލް 28) – މުޅި ދުނިޔޭގެ ލޯބި ހޯދާފައިވާ ބާސެލޯނާގެ ފުޓްބޯޅަ ތަރި އަންދްރެސް އިނިއެސްޓާ މި ވަނީ 22 އަހަރަށް ފަހު، މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ. އެ ހިސާބުން އެންމެންގެ ސުވާލަކަށްވީ އޭނާ ދެން ފެންނާނީ ކޮން ތަނަކުންބާވަ އެވެ؟ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއާ އަލުން ގުޅެން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އަށް ހިނގައިދާނެބާވަ އެވެ. އެކަމަކު އެ ފުރުސަތެއް ނެތެވެ. ޔޫރަޕުގައި ކުޅެފި ނަމަ ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭތީވެ އެވެ.


"އަހަރެން އަބަދުވެސް ބުނަން އަހަރެން، އަހަރެންގެ ކްލަބާ ދެކޮޅަށް ނުނުކުންނާނެކަމަށް. އެހެންވީމާ (އަހަރެން ދެން ކުޅޭނީ) ޔޫރަޕުގައި ނޫން ކަމަށް ވާނެ ހުރިހާ ގޮތެއް އެއޮތީ ވެފައި،" އުމުރުން 33 އަހަރުގެ އިިނިއެސްޓާ ބުންޏެވެ.

އިނިއެސްޓާ ބުނީ ސީޒަން ނިމުމުން ވާހަކަދައްކައި ނިންމަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ބެލެވެނީ އޭނާ ކުޅޭނެ ޓީމަކާ މެދު ގޮތެއް ނިންމާނީ ސީޒަނަށް ފަހު ކަމަށެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ފެންނާނީ ޗައިނީސް ސުޕަ ލީގުންނެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީއާ 1996 ވަނަ އަހަރު ގުޅުނު އިނިއެސްޓާ ސީނިއާ ކެރިއަރު 2001 ވަނަ އަހަރު ފެށީ ބާސެލޯނާގެ ބީ ޓީމުންނެވެ. އަދި ބޮޑު ޓީމަށް 2002 ގައި ކުޅެން ފަށައި މިހާތަނަށް ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ސްޕެނިޝް ކަޕް ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހާސިލްކުރި އެވެ. ސްޕެއިން ގައުމީ ޓީމާ އެކު ވޯލްޑް ކަޕް އަދި ދެ ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކުރި އެވެ.

އެކަމަކު މި ހުރިހާ ކާމިޔާބަކަށް ވުރެ ބޮޑަށް އޭނާ ފާހަގަކުރެވެނީ ވިސްނުންތޫނު، އުފެއްތުންތެރި މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. ބާސެލޯނާ އިން ދެހާހުގެ އަހަރުތަކުން ފެށިގެން ޔޫރަޕުގެ ފުޓްބޯޅައިގައި ނުފޫޒް ގަދަކުރިކުރުމުގައި އިނިއެސްޓާގެ ދައުރު ބޮޑެވެ.

"މި ނިންމުން އަހަރެން ނިންމީ ވަރަށް ގިނައިން ވިސްނުމަށް ފަހު. ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް އަދި އެ ކްލަބުން އަހަންނަށް ހުރިހާ އެއްޗެއް ވަނީ ދީފައި،" އިނިއެސްޓާ ބުންޏެވެ. "މި ކްލަބަށް ހައްގުވެ އަހަރެންގެ އެންމެ މޮޅު ކުޅުން. އެކަމަކު ކައިރި މުސްތަގުބަލުގައި އަހަންނަށް އެކަންކޮށްނުދެވޭނެ. އަހަންނަށް އެންމެ ރަނގަޅު ގޮތަކީ، މުހިއްމުކަމުގެ އިހުސާސާ އެކު ކްލަބް ދޫކޮށްލުން، އަދި އެވެސް ތަށިތައް ހާސިލްކުރަމުން."

އިނިއެސްޓާ ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު އުފުލާލަނީ. --ފޮޓޯ: އޭއެފްޕީ

އިނިއެސްޓާ ބުނީ އޭނާގެ ހިތުގައި އަބަދުވެސް ބާސެލޯނާ އޮންނާނެ ކަމަށާއި ބާސެލޯނާ އަށް ފުރަތަމަ ކުޅެދިން ދުވަހުގެ ހަނދާންތައް ދުވަހަކު ވެސް ނުނުތޭނެ ކަމަށެވެ.

"އެހިސާބުން ފެށިގެން އަހަރެންގެ ހުރިހާ ހުވަފެންތަކެއް ސީދާވެއްޖެ."

އިނިއެސްޓާ އަކީ ފުޓްބޯޅައިގައި ނުލިބޭ ހަމައެކަނި ބޮޑު ކާމިޔާބަކީ ބެލޮންޑިއޯ އެވޯޑެވެ. އެއީ ފުޓްބޯޅަ ސަޕޯޓަރުން ވެސް އެކަމަކާ ހިތާމަކުރާ ކަމެވެ. އެކަމަކު އިނިއެސްޓާ ބުނީ އޭނާގެ އުފާވެރިކަން ބެލޮންޑިއޯ އެވޯޑަށް ބަރޯސާނުވާ ކަމަށާއި އޭނާ ބޮޑަށް ބޭނުންވަނީ ދަނޑުމަތިން ސަޕޯޓަރުންގެ ފަރާތުން އެ ލިބޭ ލޯބި ކަމަށެވެ.

އިނިއެސްޓާ ވަނީ އޭނާއާ އެކު ބާސެލޯނާގައި ޖާދޫދައްކަމުން އަންނަ ލިއޮނަލް މެސީއާ ބެހޭގޮތުން ވެސް ވާހަކަދައްކައިފަ އެވެ. އިނިއެސްޓާ ބުނީ މެސީއާ އެކު ޖާދުވީ އެތަކެއް ހިނދުކޮޅުތަކެއް ހިއްސާކުރެވުމަކީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށެވެ.

"މެސީ ފަދަ ދެ ވަނަ އެއް ނެތް،" އިނިއެސްޓާ ބުންޏެވެ.