ވެންގާ އަށް ބަހުގެ ހަމަލާ ފޮނުވުނީތީ ހިތާމަކުރަން: މޮރީނިއޯ

މެންޗެސްޓާ (އޭޕްރީލް 29) - ފާއިތުވި އަހަރުތަކުގައި ވާދަވެރިކަމުގެ ތެރޭގައި އާސެނަލްގެ ކޯޗު އާސެން ވެންގާއާ ދިމާލަށް އިހުތިރާމް ކުޑަކޮށް އެއްޗެހި ގޮވުނީތީ ހިތާމަކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މި ސީޒަނަށް ނިމުމުން 22 އަހަރަށް ފަހު އާސެނަލް ދޫކޮށްލާނެކަން ވެންގާ ވަނީ އިއުލާން ކޮށްފަ އެވެ. މޮރީނިއޯ މީގެ ކުރިން ޗެލްސީގެ ކޯޗަކަށް ހުރިއިރު، ވެންގާއާ ދެމެދު ވަނީ ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އަދި މޮރީނިއޯ ވަނީ ވެންގާ އަކީ ފެއިލް ވުމުގެ މާހިރެއް ކަަމަށް ބުނެފަ އެވެ.

މިރޭ މޮރީނިއޯގެ ޔުނައިޓެޑް އާސެނަލާ ދެކޮޅަށް ކުޅޭއިރު، މެޗުގެ ކުރިން އޭނާ ބުނީ ދެކެވިފައި ހުރި ބައެއް ވާހަކަތަކުގެ ސަބަބުން ހިތާމަކުރާ ކަމަށެވެ.

"ހިތާމަ ހުރި ބައެއް ކަންތައްތައް ހިނގާފައި އެބަހުރި. ދިޔަ މާޔޫސްކަމުގެ އެޕިސޯޑް ތަކެއް ވެސް. އެއީ ހަމައެކަނި އަހަންނެއް ނޫން. ވެންގާ ވެސް ބުނަން ބޭނުންނުވާ އެއްޗެހި ހުރި ބުނެވިފައި،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާ 2004 ވަނަ އަހަރު ޗެލްސީ އަށް އައިއިރު، އޭރު އެންމެ ބޮޑު ވާދަވެރިޔަކީ އާސެނަލް ކަަމަށާއި ވެންގާއާ ވާދަވެރިކަން ފެށުނީ އެ ހިސާބުން ކަމަށެވެ.

އުމުރުން 58 އަހަރުގެ މޮރީނިއޯ ބުނީ ވެންގާ 68، ގެ އުމުރަށް ދަންދެން އޭނާ ކޯޗިންގައި ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެކަން ކުރުމަށް އެއް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ހުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ބުންޏެވެ.

"އަހަރެން ކޯޗިން ކުރިއަށް ގެންދާނަން. އެކަމަކު މިހާރު މީޑިއާ، ސޯޝަލް މީޑިއާ، ޕަންޑިޓް އިންޑަސްޓްރީ (އެނަލިސްޓުން) އެ ފަދަ ފާޑުކިޔުންތަކާ ހުރެ އެއް ޓީމެއްގައި ހުރެގެން މަސައްކަތެއް ކުރުމަކީ ފަސޭހަކަމެއް ނޫން. އެއީ ވަރަށް ޕްރެޝަރު. ހަމައެކަނި ކޯޗަކަށް ނޫން، މުޅި ކްލަބަށް ވެސް،" މޮރީނިއޯ ބުންޏެެވެ.

އޭނާ ބުނީ ފުޓްބޯޅައިގައި މިހާރުގެ ވިސްނުމަށް ބަލާއިރު ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެއާ އެއް ވަރަށް ކާމިޔާބު ހޯދުމަކީ ވެސް ލާޒިމު ކަމަކަށް ވެފައި އޮންނަ ކަމަށެވެ.

އާސެނަލް ގޮވައިގެން ވެންގާ އޭނާގެ އެންމެ ޒަމާންވީ ވާދަރިން ކަމަށްވާ ޔުނައިޓެޑާ ދެކޮޅަށް މިރޭ ނުކުންނައިރު، މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކިބައިން ވެންގާ އަށް ފުރިހަމަ ސަޕޯޓެއް ދިނުމަށް އެދިފަ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ލީގުގެ ދެ ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އަނެއް ކޮޅުން އާސެނަލް މިރޭގެ މެޗަށް ނުކުންނާނީ އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުލަ އެވެ. އެއީ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރަށުންބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނުމަށެވެ.

ޔުނައިޓެޑާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.