އިޓަލީގެ ކޯޗުކަން މަންޗިނީ އަށް؟

މިލާން، އިޓަލީ (މެއި 2) - އިޓަލީގެ ގައުމީ ޓީމާ ހަވާލުވާން ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފަން ޒެނިޓު ޕީޓާސްބާގްގެ ކޯޗު ރޮބާޓޯ މަންޗިނީ ހުރި ތައްޔާރަށް ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ކޮމިޝަނަރު ރޮބާޓޯ ފަބްރިޗީނީ ވިދާޅުވެއްޖެ އެވެ.


މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ޖިއަމްޕިއޭރޯ ވެންޗޫރާ މަގާމުން ވަކިކޮށްފައިވާއިރު ވަގުތީ ކޯޗަކީ ލުއިޖީ ޑި ބިއާޖިއޯ އެވެ. އިޓަލީ ކޯޗުކަން މަންޗިނީއާ ހަވާލުކުރަން އެ ގައުމުގެ ގިނަ ކޯޗުން ރުހެ އެވެ.

"އިއްޔެ އަހަރެމެން ރޯމްގައި މަންޗިނާއާ ބައްދަލުކުރިން. މަންޗިނީ ހުރީ މިހާރު ކުރިޔަށްދާ ރަޝިއާގެ ލީގު ނިމުމުން އިޓަލީ ގައުމީ ޓީމާ ހަވާލުވާން ތައްޔާރަށް،" ފަބްރިޗިނީ ވިދާޅުވި އެވެ.

ދާދި ފަހުން މަންޗިނީ ދިން އިންޓަވިއުއެއްގައި ވަނީ އިޓަލީގެ ކޯޗުކަން އޭނާ އަށް ލިބިއްޖެނަމަ އޭނާ އެ މަގާމާ ހަވާލުވާނީ ފަހުރުވެރިކަމާ އެކު ކަމަށް ބުނެފަ އެވެ. އަދި ޒެނިޓް ދޫކޮށްލާނީ އެ ޓީމަށް ކާމިޔާބު ހޯދުމުގެ ފުރުސަތުތަކެއް ފަހިކޮށްދީފައި ކަމަށް ވެސް ބުންޏެވެ.

އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުުނު މަންޗިނީ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ފިއޮރެންޓީނާ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ އެ ގައުމުގެ އިންޓަ މިލާނަށް ދެ ފަހަރު އަދި ލާޒިއޯ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ މެންޗެސްޓާ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ތުރުކީގެ ގަލަސަތަރާއި އަށް ވެސް ކޯޗުކޮށްދިނެވެ.

މަންޗިނީ ޒެނިޓާ ހަވާލުވީ މި ސީޒަނުގަ އެވެ. ރަޝިއާ ލީގުގައި ބާކީ ދެ މެޗު އޮތްއިރު ޒެނިޓު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޒެނިޓަށް ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.