މެޑްރިޑާ އެއްވަރުވި ނަމަވެސް ބާސާ އަށް ހިތްހަމަޖެހުން

ބާސެލޯނާ (މޭ 7) – އެކަކު މަދުކޮށް ކުޅުނު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވުމާ އެކު، ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.


ބާސެލޯނާ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 87 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 75 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ރެއާލް މެޑްރިޑް އޮތީ 72 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ބަލިނުވެ ސްޕެނިޝް ލީގު ނިންމާލާ ފުރަތަމަ ޓީމުގެ ރެކޯޑް ހެދުމަށް ބާސެލޯނާ އަށް ބާކީ ދެން އޮތީ ތިން މެޗެވެ. އެ ޓީމު މިހާރު ވެސް ވަނީ ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑް ހަދައިފަ އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ލަނޑު ޖަހައި ބާސެލޯނާ އަށް ކުރި ހޯދައިދިނެވެ. އޭގެ ހަތަރު މިނެޓު ފަހުން ރެއާލް މެޑްރިޑަށް އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބާސެލޯނާ އަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސާޖީ ރޮބާޓޯ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ކާޑު ދެއްކީ މެޑްރިޑުގެ މާސެލޯއާ އުފެދުނު ހިތްހަމަނުޖެހުމެއްގައި ބޯޅަ ނެތީސް އޭނާ އަށް ހަމަލާ ދިނުމުންނެވެ. އަނެއްކޮޅުން އަނިޔާވެ ރޮނާލްޑޯ ވަނީ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ.

އެކަކު މަދުވި ނަމަވެސް 52 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ ގޯލް ޖަހައި ބާސެލޯނާ އަށް ކުރި ހޯދައިދީފަ އެވެ. މެޑްރިޑަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ 72 ވަނަ މިނެޓުގައި ގަރެތު ބޭލް އެވެ.

ރޮނާލްޑޯގެ ކުޑަހުޅަށް އަނިޔާވި ނަމަވެސް ބެލެވޭ ގޮތުގައި އޭނާގެ އަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ. މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކުޑަހުޅު ހުރީ ދުޅަވެފައި ކަމަށާއި އެކަމަކު އަނިޔާ އެހާ ބޮޑު ނޫން ކަމަށެވެ. އެހެންވެ މި މަހުގެ 26 ގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޭނާ ފިޓްވާނެ ކަމަށް ލަފާކުރެވެ އެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ކުޅުނު ފަހު އެލް-ކްލެސިކޯ މެޗެވެ. މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާ އިނިއެސްޓާ ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ބާލައިފަ އެވެ. އޭނާ އަށް ވަރަށް ބޮޑު ތަރުހީބެއް ބާސެލޯނާ ސަޕޯޓަރުން ދިނެވެ. އަނެއްކޮޅުން ރޭގެ މެޗަކީ އިނިއެސްޓާގެ މަގާމް ފުރަން ގެނައި ފިލިއްޕެ ކުޓީނިއޯ ކުޅުނު ފުރަތަމަ އެލް-ކްލެސިކޯ އެވެ.