ރެފްރީ އަށް މެސީ ޕްރެޝަރު ކުރި: ރާމޯސް

މެޑްރިޑް (މެއި 7) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެލް ކްލަސިކޯ މެޗުގެ ތެރެއިން ބާސެލޯނާގެ ލިއޮނަލް މެސީ މެޗުގެ ރެފްރީ އަލެހަންދްރޯ ފެނާންޑޭޒަށް ޕްރެޝަރު ކުރި ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.


ރޭގެ މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ފުރަތަމަ ހާފުގައި ބާސެލޯނާގެ ޑިފެންޑަރު ސާޖީ ރޮބާޓޯ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބާސެލޯނާ އިން ވަނީ މެސީގެ ލަނޑުން އަލުން ލީޑު ނަގައިފަ އެވެ. ރެއާލުން ޕޮއިންޓެއް ހޯދީ 18 މިނިޓަށް ވެފައި ހުއްޓައި ގަރެތު ބޭލް ޖެހި ގޯލުންނެވެ.

"ފުރަތަމަ ހާފު ނިމުނު ވަގުތުގައި ރެފްރީ (އަލެހަންދްރޯ) ޓަނަލް ތެރެއިން އައި ވަގުތު މެސީ ރެފްރީ އަށް ޕްރެޝަރު ކުރި. ހަގީގަތުގައި ޓީމުގެ ކެޕްޓަނަށް އޮންނަ ފުރުސަތެއް އެއީ. އަހަންނަށް ނޭނގެ ޓަނަލް ތެރޭގައި ކެމެރާއެއް ހުރި ކަމެއް. އަހަންނަށް ނޭނގެ ދެ ވަނަ ހާފުގައި ރެފްރީގެ ނިންމުންތައް ހުރި ގޮތެއް ވެސް،" މެޗަށް ފަހު ރާމޯސް ބުންޏެވެ.

އޭނާ ބުނީ މެޗަށް ފަހު އޮންނާނީ ނަތީޖާ ގަބޫލުކުރުން ކަމަށާއި އޭގެއާ މެދު ބަހުސް ކުރަން ބޭނުންނުވާ ކަމަށެވެ.

ބާސެލޯނާ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާތީ ރޭގެ މެޗުގައި ރެއާލުން އެ ޓީމަށް ގާޑް އޮފް އޮނާ އެއް ދޭން ޖެހޭނެ ކަމަށް ބާސެލޯނާގެ ކުޅުންތެރިން ބުނި ނަމަވެސް ރެއާލުން އެކަން ނުކުރެ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އާއި ރާމޯސް ވެސް ވަނީ ގާޑް އޮފް އޮނާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ އެ ޓީމުގެ ޓެކްނިކަލް ސްޓާފުން ލައްވައި އެ ޓީމަށް ގާޑް އޮފް އޮނާ އެއް ދީފަ އެވެ. ޕީކޭ ބުނީ ބާސެލޯނާ އިން އެކަން ކުރީ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށާއި ކޮންމެވެސް އެއް ސިފައެއްގައި އެއީ ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.