ރެއާލް ބަލިވިއިރު، ބާސެލޯނާ އަށް ބޮޑު މޮޅެއް

ބާސެލޯނާ (މެއި 10) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ ރޭ 5-1 ވިޔަރެއާލް އަތުން ބޮޑު މޮޅެއް ހޯދިއިރު، ރަށުންބޭރުގައި ސެވިއްޔާ އަތުން 3-2 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.


ރޭގެ މެޗުން މޮޅުވެ ބާސެލޯނާ އިން މެޗަކުން ބަލިނުވެ ލީގު ނިންމާލަން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. ބާކީ ދެ މެޗު އޮތްއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ 36 މެޗުން 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 36 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ތިން ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ތިން ގޯލު ޖަހައިފަ އެވެ. ފިލިއްޕޭ ކުޓީނިއޯގެ ގޯލުން އެ ޓީމުން ލީޑުނެގިއިރު، އަނެއް ދެ ލަނޑު ޖެހީ ޕައުލީނިއޯ އާއި ލިއޮނަލް މެސީ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ އަނެއް ދެ ލަނޑު ޖެހީ ފަހަކަށް އައިސް ފޯމަކަށް އެޅިގެން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އޮސްމާނޭ ޑެމްބެލޭ އެވެ. ވިޔަރެއާލްގެ ހަމައެކަނި ލަނޑު ޖެހީ ނިކޮލަ ސަންސޯނޭ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ވިސާމް ބެން ޔެޑާ އާއި މިގޭލް ލަޔޫން އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ރެއާލަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ރާމޯސް ލިބުނު ފުރުސަތު ނަގާލިއިރު، މެޗުގެ 84 ވަނަ މިނިޓްގައި ސެވިއްޔާ އިން ޖެހި ތިން ވަނަ ގޯލަކީ ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މި މެޗުގެ ފަހު ވަގުތު ރެއާލުގެ ދެ ގޯލު ޖެހީ ބޯހާ މަޔޮރާލް އާއި ލިބުނު ޕެނަލްޓީ އަކުން ރާމޯސް އެވެ. މި މަހު 26 ވަނަ ދުވަހު ޔޫކްރޭންގެ ކިއޭވްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ރޮނާލްޑޯ ކުޅުމަށް އެނބުރި އަންނާނެ ކަމަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ވަނީ ބުނެފަ އެވެ.