ނޭމާ ވިއްކާލަފާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީން ދީފި

ޕެރިސް (މެއި 20) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބްރެޒިލްގެ ތަރި ނޭމާ ވިއްކާލަފާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީން ދީފި އެވެ.


ބާސެލޯނާ ދޫކޮށް މިދިޔަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީއާ ގުޅުނު ނޭމާ އެ ކްލަބާ މެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާން އުޅޭ އަޑުތައް ވެސް ވަނީ ގަދަ ވެފަ އެވެ. އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރާ ކަމަށް އިނގިރޭސި މިޑީއާތަކުން ރިޕޯޓްކުރެ އެވެ.

ނޭމާގެ މުސްތަގުބަލާ ގުޅޭގޮތުން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީއާ މީޑިއާ އިން ސުވާލުކުރުމުން ވިދާޅުވީ އެއްވެސް ކުޅުންތެރިއަކު ކްލަބަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

"ކޯޗަކު ވެސް ކުޅުންތެރިއަކު ވެސް ކްލަބަށް ވުރެ ބޮޑެއް ނުވާނެ. އެންމެ ފުރަތަމަ އަންނާނީ ކްލަބް. އެކަން ގަބޫލުނުކޮށް ނޫނީ މި ކްލަބްގައި ހިތްހަމަނުޖެހޭ ކުޅުންތެރިއަކު ދިއުމަކުން މައްސަލައެއް ނެތް،" ހެއްލާފީ ވިދާޅުވި އެވެ.

ޕީއެސްޖީ ދާނީ ކުރިއަށް ކަމަށާއި މި ކްލަބް އޮތީ ރަނގަޅު ޓްރެކުގައި ކަމަށް ހެއްލާފީ ވިދާޅުވި އެވެ.

"ކޮންމެ މީހެއް ވެސް ޕީއެސްޖީގައި ހުންނަނަމަ 100 ޕަސެންޓް ދޭން ޖެހޭނެ. އަހަރެމެން މި ކްލަބަށް އައި ފަހުން 19 ޓްރޮފީ މި ޓީމުން ހޯދައިފި. މިއީ ބޮޑު ކާމިޔާބެއް. އެކަމަކު އަދިވެސް އަހަރެމެންނަށް ފާޑުކިޔުން އަމާޒުވޭ،" ހެއްލާފީ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ހަފްތާގައި ނޭމާ އާއި ހެއްލާފީ ވަނީ ބައްދަލުކޮށްފަ އެވެ. އަދި ބައްދަލުވުމުގައި ނޭމާ ވަނީ ކްލަބް ބަދަލުކުރަން އެދިފަ އެވެ.

މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން ދާދި ފަހުން އޭނާ ބުނީ ކޮންމެ ޓްރާންސްފާ މާކެޓެއްގައި އޭނައާ ބެހޭގޮތުން މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވޭ ކަމަށާއި އެކަމަށް ވަކި ޖަވާބުތަކެއްދޭން ބޭނުންނުވާ ކަމަށެވެ.

މިދިޔަ މާޗް މަހު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ. އަނިޔާއިން ރަނގަޅުވެ، އޭނާ ކުޅުމަށް އެނބުރި އަންނާނީ އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކަމަށް ބެލެވެ އެވެ.