އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: އޭއެފްޕީ
12 ޖޫން 2018 - 12:04
އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވި ނަމަވެސް، އޮސްޓްރޭލިއާ އަކީ އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ މެމްބަރެކެވެ. އޯޝޭނިއާ ސަރަައްދުގައި ވާދަވެރިކަމެއް ނެތުމާއި، އޮސްޓްރޭލިއާގެ ފުޓްބޯޅަ އިތުރަށް ކުރެއެރުވުމުގެ ގޮތުން އޭއެފްސީއާ ގުޅުނީ 2006 ވަނަ އަހަރެވެ.
އޮސްޓްރޭލިއާ އިން ވަނީ 2006 އިން ފެށިގެން ގަވައިދުން ވޯލްޑް ކަޕްގައި ވާދަކޮށްފަ އެެވެ. އެ އަހަރުގެ ކުރިން އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ވާދަކުރީ ހަމައެކަނި 1974 ގެ މުބާރާތުގަ އެވެ. އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕެއްގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގައި ދެ ވަނަ ބުރަށް ދިއުމެވެ. އޮސްޓްރޭލިއާ އިން ވަނީ 2015 ގައި އަމިއްލަ ގައުމުގައި އޮތް އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެެވެ.
އޭޝިއާގެ ކޮލިފައިންގެ ތިން ވަނަ ބުރުގެ ގުރޫޕް ބީގައި އޮސްޓްރޭލިއާ އަށް ލިބުނީ ތިން ވަނަ އެވެ. އެެހެންކަމުން އޮސްޓްރޭލިއާ އަށް ޖެހުނީ ކޮލިފައިންގެ ފަސް ވަނަ މަގާމު ލިބޭ ޓީމު ކަނޑައެޅުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ވާދަކުރާށެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތް ސައޫދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ސައުދީ އަރަބިއްޔާއަށެވެ. ޕްލޭއޮފްގައި އޮސްޓްރޭލިއާ ވަނީ ސީރިއާގެ މައްޗަށް ކުރި ހޯދައި، އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފް އަށް ދަތުރުކޮށްފަ އެވެ. އެ ޕްލޭއޮފް މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުތީ އުތުރު އެމެރިކާ ސަރަހައްދުގެ ހޮންޑޫރަސް އެވެ. ހޮންޑޫރަސްގައި ކުޅުނު ފުރަތަަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުން އޮސްޓްރޭލިއާ 3-1 އިން މޮޅުވި އެވެ.
އޮސްޓްރޭލިއާގެ ކޯޗު ބާޓް ވެން މާވިކް އަކީ ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗެކެވެ. ވެން މާވިކް ކޯޗިންގެ ދާއިރާ އަށް ވަނީ 1988 ވަނަ އަހަރެވެ. އޭނާ ވަނީ މީގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ފެޔަނޫޑާއި ހެމްބާގް އާއި ނެދަލޭންޑްސްގެ ގައުމީ ޓީމު އަދި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. ފެޔަނޫޑަށް 2002 ގައި ޔުއެފާ ކަޕް ކާމިޔާބުކޮށް ދިނީ އޭނާ އެވެ. އަދި 2010ގެ ވޯލްޑް ކަޕްގެ ފައިނަލަށް ނެދަލޭންޑްސް ދަތުރުކުރީ ވެސް ވެން މާވިކްގެ އިރުޝާދުގެ ދަށުންނެވެ. އޮސްޓްރޭލިއާގެ ކޯޗުކަމާ ވެން މާވިކް ހަވާލުވީ ޖެނުއަރީ 2018 ގަ އެވެ.
ޓިމް ކޭހިލް: މިއީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޭހިލް ،38، އަކީ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އޮސްޓްރޭލިއާގެ ފުރަަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. ތިން ވޯލްޑް ކަޕްގައި ކުޅެ، އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ކުރިން އެވަޓަން އާއި ނިއު ޔޯކް ރެޑްބުލްސް އަށް ކުޅުނު ކޭހިލް މި ވަގުތު ހުރީ ކްލަބެއް ނެތި އެވެ. އެކަމަކު އޭނާ އަކީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
އޮސްޓްރޭލިއާގެ ތަޖުރިބާކާރު ފޯވާޑް ޓިމް ކޭހިލް. --ފޮޓޯ: އޭއެފްޕީ
މިލް ޔެޑިނަކް: އޮސްޓްރޭލިއާގެ ކެޕްޓަން މިލް ޔެޑިނަކް އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމާ އެކު ޔެޑިނަކް ވަނީ ދެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި 2015 ވަނަ އަހަރު އޮސްްޓްރޭލިއާ އިން އޭޝިއަން ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަންކަން ކުރީ ވެސް އޭނާ އެވެ. ޔެޑިނަކް އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވިދާލި ކުޅުންތެރިއެކެވެ. ކްރިސްޓަލް ޕެލެސްގައި ޔެޑިނަކް ފަސް ސީޒަން ހޭދަކުރި އެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ އެސްޓަން ވިލާއަށެވެ.
އޮސްޓްރޭލިއާ ހިމެނޭ ގުުރޫޕް ސީގެ ފޭވަރިޓުންނަކީ ފްރާންސް އެވެ. މި ގުރޫޕްގައި ދެން އޮތީ ޕެރޫ އާއި ޑެންމާކެވެ. މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ހޯދާނެ ކަމަށް ބެލެވެނީ ޑެންމާކެވެ. އެކަމަކު އޮސްޓްރޭލިއާ އަކީ ވެސް ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރެވިދާނެ ގައުމެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy