ދުނިޔޭގެ ކުޅިވަރު / ވޯލްޑް ކަޕް 2018

ޓީމް ޕްރޮފައިލް: ޑެންމާކް

ޑެންމާކުގެ ކްރިސްޓިއަން އެރިކްސެން (ކ) އާއި ތޯމަސް ޑެލަނޭ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

01 ޖޫން 2018 - 00:00

ޑެންމާކް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1986 ގަ އެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދި އެވެ. އޭގެ ފަހުން 1998، 2002 އަދި 2010ގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކް ވާދަކުރި އެވެ. މީގެ ތެރެއިން 1998 ގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިންތަކެއް ޑެންމާކުން ވަނީ އުފައްދައިފަ އެވެ. ނަމަވެސް ޑެންމާކްގެ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މައިދާނުގައި ފަހުގެ ތާރީހެއްގައި މާ ބޮޑު ކާމިޔާބެއް ނުލިބެ އެވެ. ޑެންމާކަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 1996ގެ ޔޫރޯ ކާމިޔާބުކުރުމެވެ.

ކޮލިފައިވި ގޮތް

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ޑެންމާކް ހިމެނުނީ ގުރޫޕް އީގަ އެވެ. އެ ގުރޫޕް ޑެންމާކް ނިންމާލީ ދެވަނައިގަ އެވެ. ޑެންމާކްގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭ އޮފްގައި ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ. އަޔަލޭންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ޑެންމާކް ވަނީ 5-1 އިން އަޔަލެންޑް ބަލިކޮށްފަ އެވެ.

ކޯޗު

މި ފަހަރުގެ ވޯލްޑް ކަޕަށް ޑެންމާކް ނުކުންނާނީ ނޯވޭގެ ކޯޗު އަގޭ ހަރެއިޑްގެ އިރުޝާދުގެ ދަށުންނެވެ. ހަރެއިޑް އަކީ ސްކެންޑިނޭވިއާ ސަރަހައްދުގެ ފުޓްބޯޅައިގައި ތިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ނޯވޭގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. ނޯވޭގެ ކޯޗުކަމުގައި ގިނަ އަހަރުތަކެއް ހޭދަކުރި ނަމަވެސް، ބައިނަލްއަގުވާމީ މުބާރާތަކަށް އޭނާގެ އިރުޝާދުގެ ދަށުން ނޯވޭ ކޮލިފައިއެއް ނުވެ އެވެ.

ކްލަބުތަކުގައި މަސައްކަތްކުރުމަށް ފަހު، ޑެންމާކްގެ ކޯޗުކަމާ ހަރެއިޑް ހަވާލުވީ 2016 ވަނަ އަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވީ ހަރެއިޑްގެ އިރުޝާދުގެ ދަށުންނެވެ.

މުހިއްމު ކުޅުންތެރިން

ކްރިސްޓިއަން އެރިކްސަން: ޓޮޓެންހަމް ހޮޓްސްޕާގައި ވިދާލާފައިވާ އެރިކްސަން އަކީ މި ވަގުތު ޑެންމާކްގައި ހުރި އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ. އަދި އެ ގައުމުގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުން މިހާރު ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އަޔަކްސް އިން ޔޫރަޕްގައި ފާހަގަވި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. ޑެންމާކްގެ ގައުމީ ޓީމަށް އެރިކްސަން ކުޅެން ފެށީ 2007ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 70 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.

ޑެންމާކުގެ ކުޅުންތެރިން ފަރިތަކުރަނީ. --ފޮޓޯ: އޭއެފްޕީ

ސައިމަން ކިޔޭ: ޑެންމާކްގެ ކެޕްޓަނަކީ ތަޖުރިބާކާރު ޑިފެންޑަރު ސައިމަން ކިޔޭ އެވެ. ޒުވާންއިރު ކިޔޭ ހިމެނުނީ ޔޫރަޕްގައި ހުރި އެންމެ އުންމީދީ އެއް ޑިފެންޑަރުގެ ގޮތުގަ އެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކަށް އޭނާ ކުޅުނު ނަމަވެސް، އޭރު އޭނާއާ މެދު ކުރެވުނު އުންމީދުތަކާ އެއް ފެންވަރަކަށް އޭނާގެ ކެރިއަރު ކުރިއަކަށް ނުދިޔަ އެވެެ. ޑެންކާގެ ގައުމީ ޓީމަށް ކިޔޭ ކުޅެން ފެށީ 2008 ވަނަ އަހަރެވެ. މިހާތަނަށް 70 އަށްވުރެ ގިނަ މެޗު ކުޅެފައިވެ އެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް ސީގެ ފޭވަރިޓުންނަކީ ފްރާންސް އެވެ. އޭގެ ފަހަތުން، ދެވަނަ ބުރުގެ ޖާގައަކަށް ދެން އެންމެ ބޮޑަށް ވާދަކުރާނީ ޑެންމާކް ކަމަށް ބެލެވެ އެވެ. އޮސްޓްރޭލިއާ އާއި ޕެރޫ އަކީ ބަލި ޓީމުތަކެއް ނޫނެވެ. އެކަމަކު ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ޑެންމާކް އުޅެނީ އެ ޓީމުތަކަށް ވުރެ ރަނގަޅު ފެންވަރެއްގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454