ދުނިޔޭގެ ކުޅިވަރު / ވޯލްޑް ކަޕް 2018

ޓީމް ޕްރޮފައިލް: ޕެރޫ

ޕެރޫ ގައުމީ ފުޓްބޯޅަ ޓީމު. --ފޮޓޯ: އޭއެފްޕީ

01 ޖޫން 2018 - 00:00

އެންމެ ފުރަތަމަ ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރި ގައުމުތަކުގެ ތެރޭގައި ހިމެނި، ޕެރޫ ވަނީ ޝަރަފުވެރި މަގާމެއް ހޯދައިފަ އެވެ. އެކަމަކު ޒަމާނީ ފުޓްބޯޅައިގައި ޕެރޫ އަކީ މާ ގަދަ ބާރެއް ނޫނެވެ. ވޯލްޑް ކަޕްގައި ޕެރޫ ކުޅެފައި ވަނީ 1970، 1978 އަދި 1982 ގަ އެވެ. އޭގެ ފަހުން މި އަހަރުގެ ވޯލްޑް ކަޕާ ހަމައަށް، ޕެރޫ އަށް އެ މުބާރާތުން ފުރުސަތެއް ނުލިބެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ޕެރޫ ކޮލިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އެ ގައުމުން ފާހަގަކުރި ކަމެކެވެ.

ކޮލިފައިވި ގޮތް

ދެކުނު އެމެރިކާގެ ކޮލިފައިން ޕެރޫ ނިންމާލީ ފަސް ވަނައިގަ އެވެ. އެހެންކަމުން، ޕެރޫ އަށް އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފް އިން ޖާގައެއް ލިބުނެވެ. ޕްލޭއޮފްގައި ޕެރޫ ނުކުތީ އޯޝޭނިއާ ސަރަހައްދުގެ ނިއު ޒިލޭންޑާ ދެކޮޅަށެވެ. ނިއު ޒިލޭންޑްގައި ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅުނު ދެވަނަ ލެގުން 2-0 އިން މޮޅުވެ، ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރި އެވެ.

ކޯޗު

ޕެރޫގެ ކޯޗަކީ އާޖެންޓީނާގެ ރިކާޑޯ ގަރްސެއާ އެވެ. ގަރްސެއާ އަކީ ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާ އާއި ކޮލަމްބިއާގެ ބޮޑެތި ކްލަބުތަކަށް ކުޅުނެވެ. ކޯޗިން ކެރިއަރު އޭނާ ފެށީ 1996 ވަނަ އަހަރެވެ. މިހާތަނަށް ދެކުނު އެމެރިކާގެ ގިނަ ކްލަބުތަކަށް ކޯޗުކޮށްދީ، ޕެރޫ އާއި އޭޖެންޓީނާގައި އޭނާ ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ޕެރޫގެ ޓީމާ އޭނާ ހަވާލުވީ 2015 ވަނަ އަހަރެވެ.

މުހިންމު ކުޅުންތެރިން

ޖެފަސަން ފަފާން: ޕެރޫގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި ހުނަރުވެރި ކުޅުންތެރިޔަކީ ޖެފަސަން ފަފާން އެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި އޭނާ ކުޅެމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަށް ކުޅެމުން އަންނަ ފަފާން އަކީ ޕީއެސްވީ އެއިންޑްހޯވަން އާއި ޝާލްކާގައި ވިދާލި ކުޅުންތެރިއެކެވެ. ޕެރޫގެ ގައުމީ ޓީމަށް އޭނާ ކުޅެމުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް ޕެރޫގެ ގައުމީ ޓީމަށް 80 އަށް ވުރެ ގިނަ މެޗު ކުޅެ 24 ލަނޑު ވަނީ ޖަހައިފަ އެވެ.

ޕެރޫގެ ކްރިސްޓިއަން ކުއޭވާ (ވ) އަތުން ބޯޅަ ހޯދަން ސްކޮޓްލެންޑުގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

އަލްބާޓޯ ރޮޑްރިގޭޒް: ޕެރޫގެ ކެޕްޓަނަކީ އުމުރުން 34 އަހަރުގެ ޑިފެންޑަރު އަލްބާޓޯ ރޮޑްރިގޭޒް އެވެ. ތަޖުރިބާކާރު ޑިފެންޑަރަކީ ޕެރޫގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ރޮޑްރިގޭޒް މީގެ ކުރިން ޕޯޗުގަލްގެ މަޝްހޫރު ކްލަބުތަކަކަށް ކުޅުނެވެ. މިހާރު އޭނާ ކުޅެނީ ކޮލަމްބިއާ ލީގުގަ އެވެ.

ގުރޫޕްގައި އޮފް ފުރުސަތު

ގުރޫޕް ސީގެ ފޭވަރިޓަކީ ފްރާންސް އެވެ. ދެވަނަ ބުރުގެ ޖާގައަކަށް ދެން ވާދަކުރާނެ ކަމަށް ބެލެވެނީ ޑެންމާކް އެވެ. އޮސްޓްރޭލިއާ އާއި ޕެރޫ އަކީ ޑެންމާކަށް ޕްރެޝަރު ކުރެވިދާނެ ދެ ގައުމެވެ. ޕެރޫ އަކީ ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ޓީމަކަށްވި ނަމަވެސް، ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި އެންމެ ކުޅުންތެރިއެއް ވެސް ނެތުމަކީ އެ ޓީމަށް އޮތް ޑިސްއެޑްވާންޓޭޖަކަށް ވެދާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454