އިބްރަހިމޮވިޗްގެ މަގާމް ފުރުމަކީ ޕްރެޝަރެއް ނޫން: ކަވާނީ

ޕެރިސް (ޖުލައި 27) - ޒަލަޓާން އިބްރަހިމޮވިޗް ނެތްތަން ފޫބެއްދުމަށް، ސެންޓަ ފޯވާޑަކަށް ކުޅެން ޖެހުމަކީ ޕްރެޝަރެއް ނޫން ކަމަށް ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ.


ކަވާނީ މިދިޔަ ދުވަސްތަކުގައި ކުޅުނީ ވިންގް ފޯވާޑެއްގެ މަގާމަށެވެ. އެކަމަކު އިބްރަހިމޮވިޗް ނެތުމާ އެކު އާ ކޯޗު، އުނައި އެމެރީ އޭނާ ބޭނުންކުރާނީ ސެންޓަ ފޯވާޑެއްގެ ގޮތުގަ އެވެ. މިދިޔަ ސީޒަނުގައި 51 މެޗުން 50 ގޯލް އިބްރަހިމޮވިޗް ޖަހާފައިވާއިރު، އޭނާ ނެތްތަން ފޫބެއްދުމަކީ ކަވަނީ އަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ޕްރެޝަރު؟ ނޫން އަހަންނަކަށް ނެތް އެއްވެސް ޕްރެޝަރެއް. މިއީ އަހަންނަށް އޮތް ޗެލެންޖެއް. ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށް، ގޯލް ޖަހައި ތަށި ހޯދަން މަސައްކަތްކުރާނަން. ޕީއެސްޖީގެ ފޯވާޑަކަށް ކުޅުމަކީ އަހަންނަށް ލިބޭ ޝަރަފެއް،" ކަވާނީ ބުންޏެވެ.

ކަވާނީ ބުނީ ސެންޓްރަލް މަގާމަކަށް ކުޅުމަކީ އޭނާ އަށް ޗެލެންޖަކަށް ވެދާނެ ކަމަށާއި ކުރީ އަހަރުތަކޭ އެއްގޮތަށް މި ފަހަރު ވެސް ސަޕޯޓަރުންގެ އުއްމީދުތަކާ އެއްވަރަށް ކުޅެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

"ކްލަބާއި ކޯޗުގެ އިތުބާރާ އެކު އުއްމީދުކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް. އަހަންނަކީ ކްލަބުގެ އެއް ވަނަ ފޯވާޑެއް ނޫން. އެކަމަކު ކްލަބުން އަހަންނަށް ބޮޑު އިންވެސްޓެއް ވަނީ ކޮށްފައި،" ކަވާނީ ބުންޏެވެ.

ޕީއެސްޖީގެ އާ ކޯޗު ސްޕެއިނުގެ އެމެރީ އަކީ ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ސެވިއްޔާ އަށް ފަސް އަހަރުތެރޭ ޔުރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އެމެރީއާ އެކު ޕީއެސްޖީގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

"ކުރީގެ ކޯޗާ ބަލާއިރު އެމެރީގެ ސިސްޓަމް ތަފާތު. އަހަންނަށް ފެނިފައިވާ ގޮތުގައި އެމެރީގެ ކޯޗުކޮށްދޭ ކްލަބްތައް ކުޅެނީ ވަރަށް އެޓޭކިން ފުޓްބޯޅައެއް. ވަރަށް ޑިރެކްޓް ފުޓްބޯޅައެއް ކުޅެނީ. އެއީ އަހަންނަށް ވަރަށް ޕޮޒިޓިވް ކަމެއް،" ކަވާނީ ބުންޏެވެ.

އިޓަލީގެ ނަޕޯލީން 2013 ވަނަ އަހަރު 64 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވި ފޯވާޑް ބުނީ އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށާއި ކޮންޓްރެކްޓް އާކުރަން ތައްޔާރު ކަމަށެވެ.

"ކޮންޓްރެކްޓުގައި އަދިވެސް ބާކީ ދެ އަހަރު އެބައޮތް. އަހަރެން ބޭނުންވޭ މި ކްލަބުގައި މަޑުކުރަން. އަހަރެން ބޭނުން މި ކްލަބުގެ ޕްރޮޖެކްޓުގައި ބައިވެރިވާން. އެކަމަކު އަހަރެންގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ ޕީއެސްޖީން،" ކަވާނީ ބުންޏެވެ.

އިޓަލީގެ ޕަލާމޯ އިން ވިދާލި ފޯވާޑް ވަނީ އުރުގުއޭ ގައުމީ ޓީމަށް 81 މެޗުން 32 ގޯލް ޖަހައިދީފަ އެވެ. އުމުރުން 32 އަހަރުގެ ފޯވާޑް ގެންދަން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް މީގެ ކުރިން މަސައްކަތްކުރި އެވެ. އެކަމަކު އިބްރަހިމޮވިޗާ އެކު ޔުނައިޓެޑުގެ އެޓޭކް ވަނީ ފުރިހަމަވެފަ އެވެ.