އަނިޔާގެ މައްސަލަތަކުން ގުޑުވާނުލެވުނު ރޮސީގެ އަޒުމް

ކަކުލަށް ފަސް ފަހަރަށް ސީރިއަސް އަނިޔާތަކެއް، ކެރިއަރުގެ ހަތަރު ބައި ކުޅަ އެއްބައި އަނިޔާގައި ހޭދަކުރަން ޖެހުނަސް ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް އިޓަލީގެ ޖިސެއްޕޭ ރޮސީ ބުނެފި އެވެ.


އުމުރުން 31 އަހަރުގެ ކުޅުންތެރިއާ އަށް އޭނާގެ ފައި އޮޕަރޭޝަންކުރެވުނު އަދަދެއް ވެސް މިހާރު ރަނގަޅަށް ހަނދާނެއް ނުވެ އެވެ. ކަކުލުގެ އޭސީއެލް އަށް އެކަނި ތިން ފަހަރަށް ސީރިއަސް ހާނިއްކަވެއްޖެ އެވެ. އެފަދަ އެންމެ އަނިޔާއަކާ އެކު ވެސް ބައެއް ކުޅުންތެރިންގެ ކެރިއަރަށް އަސަރުކުރެ އެވެ. ރޮސީ ބުނީ އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕާއި ޔޫރޯގައި ކުޅުމުގެ ފުރުސަތު އަދި ބޮޑު ޓްރާންސްފާތައް ވެސް ހުއްޓިފައިވާ ކަމަށެވެ.

"އެކަމަކު އަހަރެންގެ ހުވަފެން ނިމުމަކަށް ނާދޭ. އަދި އަހަރެން މިވަގުތު މިހިރީ އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނުގެ ތެރޭގައި އަދި އަހަރެން އަތުން ގެއްލުނު ބައި އިޔާދަކުރުމުގެ މަސައްކަތުގައި،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ރޮސީ ބުންޏެވެ.

ޖެނޯއާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މިވަގުތު ކްލަބެއް ނެތި ހުރި ރޮސީ ބުނީ އަނދިރި ދުވަސްތަކުގެ ތެރެއިން އޭނާ ސަލާމަތްކޮށްދިނީ ކުޑަކުޑަ ދަރިފުޅާއި ފުޓްބޯޅައަށް އޭނާގެ ހިތުގައި އޮތް ލޯބި ކަމަށެވެ.

އެމެރިކާ އަށް އުފަންވެ އަދި އެ ގައުމުގެ އެކަޑަމީއަކުން ފުޓްބޯޅައިގެ ތެރެއަށް ވަން ރޮސީ އޭގެ ފަހުން އިޓަލީގެ ޕާމާގެ ޔޫތު ޓީމަށް ވެސް ކުޅުނެވެ. އެކަމަކު އޭނާގެ ވިދުވަރު ފެށުނީ އުމުރުން 17 އަހަރުގައި ޔުނައިޓެޑުގެ ޔޫތު ޓީމާ ގުޅުނު ހިސާބުންނެވެ. އެހެންވިޔަސް ޔުނައިޓެޑުގެ ސީނިއާ ޓީމުން މާގިނަ ފުރުސަތެއް ނުލިބި ލޯން އުސޫލުން ނިއުކާސަލް ޔުނައިޓެޑާއި ޕާމާ އަށް ކުޅެން ޖެހުނެވެ. އެހިސާބުން އޭނާ ދާއިމީ ފުރުސަތު ހޯދުމަށްޓަކައި، ޔުނައިޓެޑުގެ ކޯޗު އެލެކްސް ފާގަސަންގެ ނުރުހުމާ އެކު ވެސް ސްޕެއިނުގެ ވިޔަރެއާލަށް ބަދަލުވި އެވެ. އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައި އިޓަލީ ގައުމީ ޓީމަށް 2008 ގެ ޔޫރޯގައި ވެސް ކުޅުނެވެ.

އެކަމަކު އޭގެ ފަހުން އަނިޔާއަކަށް ފަހު އަނިޔާއެއް ކުރިމަތިވެ ކެރިއަރު ހަލާކުވީ އެވެ. ފަހުން ފިއޮރެންޓީނާ، ލެވަންޓޭ، ސެލްޓާ އަދި ޖެނޯއާ އަށް ކުޅުނު ނަމަވެސް އެއްވެސް ސީޒަނެއްގައި އެކަށީގެންވާ އަދަދަކަށް މެޗު ކުޅެވިފައެއްނުވެ އެވެ.

"ކޮންމެ ފަހަރަކު އަނިޔާވަނީ އަހަރެން މަތީ ފެންވަރުގައި ކުޅެމުން ދަނިކޮށް އަދި ރަނގަޅު ސީޒަަނަކާ ދިމާލަށް ދަނިކޮށް. އެއަށް ވުރެ މައްޗަށް ދިއުމަށް އަބަދުވެސް އެޅޭ ހުރަހަކީ އަނިޔާ،" ރޮސީ ބުންޏެވެ.

އޭނާ ބުނީ މިއީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އެކަނިވެރިކަން އިހުސާސްވާ ކަމަށެވެ. އެކަމަކު މިވެނި ކަމެއް މިހެންވީނަމައޭ ހިތަށް އަރުވައި އެކަމާ ވިސްނުމަކީ އޭނާ އަށް ބޭކާރުކަމެއް ކަމަށެވެ. އޭގެ ސަބަބުން ނުރަނގަޅު ވިސްނުންތަކެއްގެ ތެރެއަށް މީހާ ގެއްލި ނަފްސާނީ ގޮތުން އަސަރުކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ހައްގު ކޮންމެވެސް ހިސާބަކަށް ދިއުމަށް. އެކަމަކު އަހަންނަށް އެހިސާބަށް ނުދެވެނީ ފެންވަރު ނެތިގެނެއް ނޫން އަނިޔާއާ ހެދި. އަހަރެން މަސައްކަތްކުރަމުންދާނަން އަދި ދައްކަމުންދާނަން، އަހަންނަށް ހައްގު މަގާމަށް ދިއުމުގެ ގާބިލްކަން އަހަރެންގެ ކިބައިގައި އެބަހުރިކަން،" ރޮސީ ބުންޏެވެ.

އޭނާ މިހާރު އަންނަނީ އުފަން ސިޓީ ކަމަށްވާ ނިއު ޖާޒީގައި އެމެރިކާގެ ނިއު ޔޯކް ރެޑްބުލްސްއާ އެކު ތަމްރީން ހަދަމުންނެވެ. އެކަމަކު މިވަގުތަށް ކްލަބެއް ނެތެވެ. އަމާޒަކީ އަނެއްކާ ވެސް އިޓަލީ ގައުމީ ޓީމުން ޖާގަ ހޯދޭ ހިސާބަށް ދިއުމެވެ. ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

"އެކަން ކުރާ ވަރަށް ވުރެ މާބޮޑު ގުރުބާނީތަކެއް އަހަރެން ވެއްޖައިން. މި ކުޅިވަރު ދެކެ އަހަރެން މާބޮޑަށް ވެސް ލޯބިވޭ. އަހަންނަށް ދުވަހަކު ވެސް މި ކުޅިވަރު ދޫކޮށްނުލެވޭނެ ނިމުނީއޭ ކިޔާފައި. އަހަރެންގެ އަތުން ފުޓްބޯޅަ ނަގައި އެއްލައެއް ނުލެވޭނެ. އެއީ އަހަރެންގެ ލޯތްބަކީ ވެސް،" ރޮސީ ބުންޏެވެ.