ގްރީޒްމަންގެ މައްސަލައިގައި ޕީކޭ ހޫނު ފެނަށް

ބާސެލޯނާ (ޖުލައި 24) - ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަންގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމައި އޭނާ އާންމުކުރި ކުރު ވީޑިއޯ ހެދުމުގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބައިވެރިވުން އޮތުމުން އޭނާއާ ސުވާލުކުރަން ބާސެލޯނާ އިން ނިންމައިފި އެވެ.


މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އަށް ގްރީޒްމަން ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވަނިކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ގްރީޒްމަން ވަނީ "ދަ ޑިޒިޝަން" ގެ ނަމުގައި ކުރި ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯ ތައްޔާރުކުރީ ޕީކޭގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ.

ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ގްރީޒްމަން ވަނީ އެތުލެޓިކޯ މެޑްރިޑްގައި 2023 ގެ ނިޔަލަށް މަޑުކުރަން ނިންމައިފަ އެވެ. ގްރީޒްމަން ކްލަބް ބަދަލުނުކުރަން ނިންމި އެންމެ ބޮޑު ސަބަބަކި އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން އޭނާ އަށް ލިބިފައިވާ ލޯބީގެ ސަބަބުން ކަމަށް ދާދި ފަހުން ވަނީ ބުނެފަ އެވެ.

ގްރީޒްމަންގެ ވީޑިއޯއާ ގުޅިގެން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ޕީކޭއާ ބައްދަލުކޮށްފަ އެވެ. އަދި އެ ވީޑިއޯގައި ޕީކޭގެ ސީދާ ބައިވެރިވުމެއް ނެތް ކަމުގައި ވިޔަސް އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުން އެކަމުގައި ބައިވެރިވުމުން ކްލަބާ މެދު ގިނަ ބަޔަކު ދެކޭގޮތް ތަފާތުވާ ކަމަށް ބާޓޮމެއު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ބާސެލޯނާގެ ނައިބު ރައީސް ޖޯޑީ މެސްޓްރޭ ވިދާޅުވީ ޕީކޭގެ އިތުރުން އެ ޓީމަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީއާ ވެސް ކްލަބުން ވާހަކަ ދައްކާނެ ކަމަށާއި އަދި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

އުމްޓީޓީއާ ވާހަކަ ދައްކަން ނިންމީ ގްރީޒްމަންގެ އެ ވީޑިއޯ ޕްރޮމޯޓްކުރުމުގެ ގޮތުން އުމްޓީޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން އެ ވީޑިއޯ ޓްވީޓްކޮށްފައިވާތީ އެވެ.

ޕީކޭ ވަނީ އޭނާއާ މެދު މި މައްސަލައިގައި ދެކެވޭ ވާހަކަތަކަށް ޖަވާބުދާރީވެފަ އެވެ. ޕީކޭ ބުނީ ގްރީޒްމަންގެ ނިންމުމާ ބެހޭގޮތުން އެ ވީޑިއޯގެ ކުރިން އޭނާ އަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އޭނާގެ ހިއްސާ އޮންނަ ކުުންފުންޏަކުން ވިޔަފާރި އުސޫލުން ކުރާކަމެއްގެ ސަބަބުން އޭނާ އަށް އޭގެއިން އެއްވެސް އަސަރެއް ކުރަން ޖެހޭނެ ކަމަށް ގަބޫލުނުކުރާކަމަށެވެ.