މެލްކޮމް ބާސެލޯނާ އަށް، ރޯމާ އިން ކޯޓަށް؟

ބާސެލޯނާ (ޖުލައި 25) – ރޯމާ އަށް ސޮއިކުރުމާ ވަރަށް ގާތަށް ދިޔަ ބޯޑޯގެ ބްރެޒިލް ވިންގާ މެލްކޮމް 41 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ގަނެފި އެވެ.


އުމުރުން 21 އަހަރުގެ ކުޅުންތެރިއާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް އެއްބަސްވެއްޖެ އެވެ. އޭނާ މިއަދު އެ ކްލަބުގެ މެޑިކަލް ޓެސްޓް ހަދައި ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.

ބާސެލޯނާ އިން މި ޑީލް ހައިޖެކްކުރީ އޭނާ ރޯމާ އަށް 38 މިލިއަން ޔޫރޯ އަށް ވިއްކާލަން ބޯޑޯ އިން އެއްބަސްވެ އަދި އޭނާ ރޯމަށް ފުރަން ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ. އެހެންވެ އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުން އަންނަ ކަމަށް ރޯމާ އިން ވަނީ ބުނެފަ އެވެ.

ރޯމާގެ ސްޕޯޓިން ޑިރެކްޓަރު ބުނީ ބޯޑޯ އާއި ކުޅުންތެރިއާގެ އޭޖެންޓުގެ ހިޔާލު ބަދަލުވީ ހުރިހާ ކަމެއް ނިމިފައި އޮއްވާ ކަމަށެވެ. އަދި އެއްވެސް ލިއެކިއުމެއްގައި ސޮއިކޮށްފައި ނެތަސް، ބޯޑޯގެ ރައީސާއި އޭޖެންޓާ ދެމެދު ވަރަށް ގިނަ މެސެޖްތަކެއް ބަދަލުކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާ އިން އޭނާ ގަންނަން ނިންމީ ޗެލްސީގެ ވިންގާ ވިލިއަން ހޯދަން ކުރި މަސައްކަތް ފެނަށް ވުމުންނެވެ. ބާސެލޯނާ އިން އާ ސީޒަނަށް ގެނައީ ބްރެޒިލްގެ މިޑްފީލްޑަރެއް ކަމަށްވާ އާރްތޫރެވެ. އޭނާ ގެނައުމަށް ޔޫރަޕުން ބޭރު ކޯޓާ މަދުކުރަން އެ ޓީމުން ވަނީ ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ ޗައިނާގެ ގުއަންޒޫ އެވަގްރެނާޑަށް ލޯން އުސޫލުން ދޫކޮށްލައިފަ އެވެ. މެލްކޮމް އަތުގައި ފްރާންސް ޕާސްޕޯޓް އޮތުމުން އޭނާ ގެނައުމަށް ހުރަހެއް ނެތެވެ.

ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް މެޗެއް ކުޅެދީފައި ނުވީ ނަމަވެސް 2016 ވަނަ އަހަރު ބޯޑޯ އަށް ބަދަލުވެ ފްރާންސް ލީގުގެ 84 މެޗުން 20 ގޯލް ޖަހައި 13 ލަނޑު ޖަހަން އޭނާ ވަނީ މަގުފަހިކޮށްދީފަ އެވެ.