އަބިދާލްގެ ބޭސްފަރުވާގައި އޮޅުވާލުމެއް ނެތް

ބާސެލޯނާ (ޖުލައި 28) - މީގެ ހަ އަހަރު ކުރިން އެރިކް އަބިދާލްގެ ކެންސަރު ބައްޔަން ފަރުވާ ހޯދުމަށް ބާސެލޯނާ އިން ހަރަދުކުރިއިރު އެއްވެސް ކަމެއްގައި އޮޅުވާލާފައި ނުވާ ކަމަށް އަބިދާލްގެ އާއިލާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އަބިދާލްގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ގޮތުން 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގައި އޭނާގެ ލިވާ ޓްރާންސްޕްލާންޓް ހެއްދި އެވެ.

މިދިޔަ ޖޫން މަހު ބާސެލޯނާގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ އަބިދާލް ހަވާލުވުމާ އެކު ސްޕެއިނުގެ ބައެއް ފަރާތްތަކުން ވަނީ އަބިދާލަށް އެ މަގާމު ދިނީ އެހެން ސަބަބުތަކެއް އޮވެގެން ކަމަށާއި އަބިދާލަށް ބޭސްފަރުވާގެ ކަންތައްތައް ބާސެލޯނާ އިން ކޮށްދިނީ ވެސް މަކަރު ހަދައިގެން ކަމަށް ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓެއްގައިވާ ގޮތުން އަބިދާލަށް ލިވާއެއް ގަތުމުގައި ބާސެލޯނާ އިން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އަބިދާލަށް ލިވާ އެއް ގަތީ ވެސް ގޮތްނޭނގޭ މީހެއް އަތުން ކަމަށެވެ. އެ ތުހުމަތާ އެކު ސްޕެއިނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އަބިދާލްގެ ބޭސްފަރުވާގެ ކަންތައްތަކުގައި ބާސެލޯނާ އިން އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ނުހިއްގާ ކަމަށާއި އަބިދާލަށް ހޯދައިދިނީ ސައްހަ ލިވާއެއް ކަމަށެވެ.

އަބިދާލަށް ލިވާ ހަދިޔާކުރީ އޭނާގެ ކޮއްކޮ ޖެރާޑް އާމަންޑް އެވެ. އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ އެކު ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަބިދާލަށް ލިވާ ދޭން ނިންމީ ބަދަލެއްގެ ގޮތުގައި ވަކި ކަމެއް އޮވެގެނެއް ނޫން ކަމަށާއި އޭނާ ދިރިހުންނަށް އެދޭތީ ކަމަށެވެ. އާމަންޑް ބުނީ އޭނާ ކައިރީގައި އަބިދާލްގެ ސިއްހީ ހާލަތު ގޯސްވަމުން އަންނަ ކަމަށް ބުނީ 2011 ވަނަ އަހަރު އަބިދާލްގެ އަންހެނުން ކަމަށެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު އަބިދާލް ވަނީ ކުޅުމަށް އެނބުރި އައިސްފަ އެވެ. އޭނާ 2014 ވަނަ އަހަރު ކުޅުން ހުއްޓާލީ ކުރީގެ ކްލަބް މޮނާކޯ އާއި އޭގެ އިތުރުން އޮލިމްޕިއާކޯސް އަށް ވެސް ކުޅުމަށް ފަހު އެވެ.