ޓެކުހަށް މަކަރުހެދުން، ސްޕެއިނުގައި ތަރިންގެ ވެއްޓުން

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން ލީގުގެ ވަރަށް ގިނަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުން އަދި ކޯޗުން ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މައްސަލަތަކުގައި ޖަލުގެ ހުކުމެއް އައި ފުޓްބޯޅަ ތަރިން ވެސް ހިމެނެ އެވެ. އަދި ބޮޑު ޖޫރިމަނާއެއް ދައްކައިގެން ސަލާމަތްވި ކުޅުންތެރިން ވެސް އެބަތިއްބެވެ. އަދި ބައިނަލްއަގްވާމީ ކޯޓަށް ހުށަަހަޅައިގެން އެކަމުން ސަލާމަތްވި ކުޅުންތެރިން ވެސް ހިމެނެ އެވެ.


ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ނޫސްވެރިއާ ގުއިލެމް ބަލަގޫ މި އަހަރު ވަނީ ސްޕެއިނުގައި ފުޓްބޯޅަ ކުޅުންތެރިންނަށް މި ފަދަ މައްސަލަތައް ދިމާވާ ގޮތާ ބެހޭގޮތުން ދިރާސާއެއް ކޮށްފަ އެވެ. އޭނާގެ ދިރާސާގައި ނަން މަޝްހޫރު ކުޅުންތެރިންނާއި އަދި ކުޅުންތެރިންގެ އޭޖެންޓުންނާ ސުވާލުކޮށް ހެދި އެވެ. އޭނާގެ ދިރާސާގައި މައިގަނޑު ގޮތެއްގައި ގިނަ ކަންތައްތަކެއް ފާހަގަކުރި އެވެ. އަދި މައްސަލަ ޖެހޭ ސަބަބުތައް ވެސް އޮޅުންފިލުވައިދިނެވެ.

ޓެކްސް ދެއްކުމުގައި ފަސޭހަ ގޮތް އިހުތިޔާރުކުރުން

މަޝްހޫރު ގިނަ ކުޅުންތެރިންތައް އެ ކުޅުންތެރިންގެ އިމޭޖް ރައިޓްސް (ސްޕޮންސަޝިޕް އެއްބަސްވުމާއި ކުޅުންތެރިއާގެ ނަމުގައި ޕްރޮމޯޝަނަލް ކަންތައްތައް ހިންގުން) ހަވާލުކުރަނީ ވަކި ކުންފުންޏަކާ އެވެ. ގިނަ ފަހަރުގައި މި ކަންތައް ކުރިއަށްގެންދަނީ އޭޖެންޓުންނެވެ. ޓީމު ބަދަލުކުރާއިރު ޓްރާންސްފާގެ ކަންތައްތައް އަވަސް އަރުވާލައިގެން ނިންމަން އުޅޭއިރު ކުޅުންތެރިންގެ އިމޭޖް ރައިޓްސް ރަޖިސްޓްރީ ކުރަނީ އެންމެ ފަސޭހައިން އެކަން ކޮށްދޭ ކުންފުންޏަކާ އެވެ. ނޫނީ އެ އޭޖެންޓަކާ ގުޅުން އޮންނަ ބަޔަކާ އެވެ.

ބަލަގޫގެ ދިރާސާއިން ދެއްކި ގޮތުގައި ގިނަ އޭޖެންޓުން ވިސްނަނީ ޓެކުހުގެ ރޭޓް ދަށް ގައުމުތަކުގައި ކުންފުންޏަކަށް ކުޅުންތެރިންގެ އިމޭޖް ރައިޓްސް ހަވާލުކުރާށެވެ. އެ ހިސާބުން އެ ކުޅުންތެރިއެއްގެ އިމޭޖް ރައިޓްސްއާ ގުޅޭ ހުރިހާ ކަމަކާ ހަވާލުވާނީ އެ ކުންފުންޏަކުންނެވެ. ގިނަ ފަހަރަށް އެ ކުންފުނިން ޓެކްސް ދައްކަނީ އެ ގައުމުގެ ރޭޓަށް ބަލައިގެންނެވެ. އެކަމަކު އެއީ ސްޕެއިނުގެ ޓެކުހުގެ ރޭޓްތަކާ ދިމާވާ އަދަދުތަކެއްތޯ ބަލަނީ މަދު ކުންފުންޏަކުންނެވެ. މިއީ ވެސް ބަލަގޫ ދެކޭ ގޮތުގައި މައްސަލަ ޖެހޭ އެއް ސަބަބެވެ.

ބަލަގޫ ބުނީ އިމޭޖް ރައިޓްސް ހަވާލުވާ ކުންފުނިތަކަކީ ކުޅުންތެރިއާގެ ހައްގު އަދާކުރުމަށް ވުރެން އެ ކުންފުންޏެއްގެ މަސްލަހަތު އިސްކުރާ ބަޔަކަށްވެފައި އޮންނާތީ ހުރިހާ ގެއްލުމެއް ލިބެނީ ކުޅުންތެރިންނަށެވެ. މިއީ ކުޅުންތެރިންނަށް އެންމެ ގެއްލުން ލިބޭ ސަބަބެވެ.

މިސާލަކަށް ބަލާއިރު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އޭނާގެ އިމޭޖް ރައިޓްސްގެ ކަންތައްތައް އޭނާގެ ބައްޕަ ޖޯޖްގެ ހަވާލުގައި ކުރިއަށްގެންދިޔައީ ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ބެލީޒް އާއި އުރުގުއޭގެ ކުންފުނިތަކެއްގެ ބެލުމުގެ ދަށުންނެވެ.

ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ހިންގި ތަހުގީގުތަކުން އެނގުނީ އެ ކުންފުނިތަކުން މެސީގެ ޓެކްސްތައް ދައްކާފައިވަނީ އެ ގައުމުގެ ރޭޓްތަކަށް ބަލައިގެންނެވެ. އެ ކުންފުނިން ތަހުގީގުގައި އެއްބާރުލުންދޭން ވަކި ހިސާބަކުން ދެކޮޅު ހެދުމުން ސްޕެއިން ކޯޓަކުން މެސީ އަށް 21 މަހުގެ ޖަލު ހުކުމެއް އިއްވީ 4.6 މިލިއަން ޑޮލަރު ނުދައްކާ އޮތުމުންނެވެ. އެކަމަކު ސްޕެއިނުގެ ގާނޫނުގެ ތެރެއިން ލިބޭ ލުޔެއްދީ މެސީ ދޫކޮށްލީ ބޮޑު ޖޫރިމަނާ އެއް ދެއްކުމުންނެވެ.

ދާދި ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވަނީ ޓެކުހަށް މަކަރުހެދިކަމަށް ބުނެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ރޮނާލްޑޯ ވެސް ބެދުނީ އޭނާގެ އިމޭޖް ރައިޓްސްއާ ހަވާލުވި ކުންފުނިތަކުން ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ. ރޮނާލްޑޯ އޭނާގެ އިމޭޖް ރައިޓްސްގެ ކަންތައް ބެލެހެއްޓުން ހަވާލުކުރީ އަޔަލެންޑާއި ބްރިޓިޝް ވާޖިން އައިލެންޑުގެ ކުންފުނިތަކާ އެވެ. އެ ގައުމުތަކުގެ ރޭޓަށް ބަލައިގެން އެ ކުންފުނިތަކުން ޓެކުހުގެ ކަންތައްތައް ބެލެހެއްޓިއިރު، 17 މިލިއަން ޑޮލަރު ނުދައްކާ އޮތްކަން ސާބިތުވީ ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ކުރި ތަހުގީގަކުންނެވެ.

ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ނޫސްވެރިއާ ގުއިލެމް ބަލަގޫ. -- ފޮޓޯ: ސްކައިސްޕޯޓްސް

ރޮނާލްޑޯ އެ މައްސަލަ ހައްލުކުރީ 22 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެވަރު ދައްކަން ޖެހުނީ އިމޭޖް ރައިޓްސްއާ ހަވާލުވި އެ ދެ ކުންފުނީގެ ސަޕޯޓެއް ނުލިބި މައްސަލަ ދިގުލައިދާން ރޮނާލްޑޯގެ ވަކީލު ބޭނުންނުވާތީ އޭނާ އަވަހަށް އެކަން ނިންމަން ކޯޓަށް ހުށަހެޅުމުންނެވެ.

ބަލަގޫގެ ދިރާސާއިން ދައްކާގޮތުގައި ޖުމްލަކޮށް ކުޅުންތެރިންގެ އިމޭޖް ރައިޓްސްއާ ހަވާލުވާ ކުންފުނިތަކުން މައްސަލަ ދިމާވާ ކަންތައްތަކާ ބެހޭގޮތުން ދައްކަނީ އެއް ވާހަކަތަކެކެވެ. އެ ކުންފުނިތަކުން ދެކޭގޮތުގައި ސްޕެއިން ޓެކްސް އޮތޯރިޓީން ހޯދަން އުޅެނީ އެ ގައުމަށް ހައްގުނުވާ ފައިސާ އެވެ.

އެ ކުޅުންތެރިންގެ އިމޭޖް ރައިޓްސް އެކި ސްޕޮންސަރުތަކެއްގެ ތެރެއިން މުޅި ދުނިޔޭގެ މާކެޓުން ހޯދާ ފައިސާގެ ބޮޑު ޕަސެންޓެއް ސްޕެއިނުގެ ޓެކްސް އޮތޯރިޓީ އަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ކުންފުނިތަކުން ގަބޫލުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިތަކުން ގަބޫލުކުރަނީ ސްޕެއިނަށް ދައްކަން ޖެހޭނީ އެ ގައުމުގައި އެ ކުޅުންތެރިއެއް އިޝްތިހާރު ކުރެވޭ އަދަދަށްވާ ފައިސާ އެވެ. އެކަމަކު އެއީ ސްޕެއިނުގެ ޓެކްސް ގަވައިދާ ހިލާފު ކަމެކެވެ. އެ ގައުމުގައި މަސައްކަތްކުރާ ކުޅުންތެރިއެއްގެ ނަމުގައި ހޯދާ ފައިސާގެ ބޮޑު އިންސައްތަ އެއް ލިބެން ޖެހޭނީ އެ ގައުމަށް ކަމަށް ސްޕެއިނުގެ ޓެކުހުގެ ގަވާއިދު ބުނެ އެވެ. މިއީ ބަލަގޫ ދެކޭގޮތުގައި ހައްލުކުރަން ޖެހޭ މައްސަލައެކެވެ.

ބެކަމްގެ ޓްރާންސްފާގެ ޓެކްސްގެ މާއްދާ ގިނަ ޓީމުތަކުން ކޮޕީކުރި

ރެއާލުން 2003 ވަނަ އަހަރު ބެކަމް ގެންދިޔައިރު، އޭނާ އަށް ބޮޑު މުސާރައެއް ދޭން ނިންމީ އިންކަމް ޓެކްސްގެ ބަޔާ އެކު ކްލަބުން ޓެކްސްގެ އެހެނިހެން ކަންތައްތަކަށް ލުޔެއް ހަމަޖައްސައިދޭން އެއްބަސްވެގެންނެވެ. ބަލަގޫ ބުނީ ބެކަމްގެ އެ ޓްރާންސްފާއާ ގުޅިގެން ފެނިގެންދިޔައީ "ބެކަމް ރޫލް" ގެ ނަމުގައި އާ ކަމެއް ސްޕެއިނުގެ ފުޓްބޯޅައިގައި ފެށުނުތަނެވެ. މަޝްހޫރު ކުޅުންތެރިން ގެނައުމުގައި ޓީމުތަކުން ދެން ބޭނުންކުރި އުކުޅަކީ ޓެކްސް އަށް ލުޔެއްދީގެން ބޮޑު އަގުގައި ކުޅުންތެރިން ގެނައުމެވެ.

ބަލަގޫ ބުނީ ބެކަމްގެ ޓްރާންސްފާ ކޮޕީކޮށް އުސޫލެއް ނެތި ކުޅުންތެރިންނަށް ބޮޑު އަގު ކިޔައިގެން ކަންތައްތައް ކުރި ދެ ޓީމެއް ވަރަށް އަވަހަށް ކައްސާލައިގެން ދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އެއީ ރެއާލް ޒަރަގޯޒާ އާއި މަލާގާ ކަމަށެވެ. އެ ދެ ކްލަބްގެ ވެއްޓުމަކީ ކުޅުންތެރިންނަށް ބޮޑު އަގުދީ މާލީ ގޮތުން ރަނގަޅު ޕްލޭނެއްނެތި ކްލަބް ހިންގަން އުޅުމެވެ.

ބާސެލޯނާ އަށް ކުޅުނު ސެމިއުލް އެޓޫ، 2006 އިން 2009 އަށް އެ ޓީމަށް ކުޅުނުއިރު ނުދައްކައި އޮތް ޓެކްސްތަކެއްގެ ސަބަބުން އޭނާ އަށް 10 އަހަރުގެ ޖަލުގެ ހުކުމެއް އައިސްފާނެ ކަމަށް ބެލެވިފައި އޮއްވައި އެކަން ނިމިގެންދިޔައީ އެކަމުގައި ކުށްވެރިވަނީ ބާސެލޯނާކަން ތަހުގީގަށް އެނގުނު ހިސާބުން އެ ޓީމުން ބޮޑު ޖޫރިމަނާއެއް ދެއްކުމުންނެވެ. އެއީ ބެކަމް ރޫލް ކޮޕީކޮށްގެން ބާސެލޯނާ އިން އެޓޫގެ އެއްބަސްވުން ހެދިއިރު، ޓެކްސް އޮތޯރިޓީ އަށް ހަވާލުކުރަން ޖެހޭ މުހިއްމު ލިޔުންތަކެއް ހަވާލުކޮށްފައިނެތުމުންނެވެ.

ބެކަމް ރޫލުގެ ނާޖާއިޒު ފައިދާ ޓީމުތަކުން ނަގަން ފެށުމާ އެކު ސްޕެއިނުގެ ޓެކްސް އޮތޯރިޓީން އެ ގައުމުގެ ޓެކްސް ސިސްޓަމަށް ބަދަލު ގެންނަން ނިންމައި 2010 ވަނަ އަހަރު ޓެކުހުގެ ކަންތައްތަކަށް ހަރުދަނާ ސިސްޓަމެއް އެކުލަވާލި އެވެ. ބެކަމް ރޫލުގެ ކަންތައްތައް އެ ހިސާބުން ގާތްގަނޑަކަށް އެއްކޮށް އުވުނެވެ. ކުޅުންތެރިން ޖެހުނީ އަމިއްލަ އަށް ޓެކްސް ކަންތައްތައް ހަމަޖައްސާށެވެ.

ބަލަގޫ ދެކޭ ގޮތުގައި ސްޕެއިން ޓެކްސް އޮތޯރިޓީން އެ ވަރުގެ ބަދަލެއް ގެނައީ އެކަށީގެންވާވަރަށް މައުލޫމާތު ހިއްސާ ނުކޮށެވެ. އެކަން ޔަގީންވަނީ ބައެއް ކުޅުންތެރިން ޓެކުހަށް މަކަރުހެދިކަން އެނގުނީ އެ ކުޅުންތެރިން އެ ގައުމު ދޫކޮށް އެހެން ގައުމެއްގައި މަސައްކަތްކުރަން ފަށާތާ އަަހަރުތަކެއްވާ ފަހުންނެވެ.

މިސާލަކަށް ބަލާނަމަ ރެއާލުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހުރިއިރު، އޭނާ ނުދައްކައި އޮތް ޓެކުހުގެ ކަންތައްތައް އެނގުނީ ދާދި ފަހުންނެވެ. އަދި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް، ރެއާލަށް ކުޅުނުއިރު ނުދައްކައި އޮތް ޓެކުހުގެ ކަންތައް އެނގުނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ.

ބަލަގޫ ދެކޭގޮތުގައި ސްޕެއިނުގެ ޓެކްސް ނިޒާމުގައި ހުރި މައްސަލަތަކަށް އަވަހަށް ހައްލެއް ނުލިބިއްޖެނަމަ މަޝްހޫރު ކުޅުންތެރިން ސްޕެއިން ލީގުގައި ކުޅެން އަންނަން ދެކޮޅު ހެދުމުގެ ފުރުސަތު އެބައޮތެވެ. އަދި ސްޕެއިނުން ޓެކުހަށް މަކަރު ހެދި ކަމުގެ ތަހުގީގުތައް ހިންގާއިރު، ވީހާ ވެސް ކްލަބްތަކާ ގާތުން މަސައްކަތްކުރަން ޖެހެ އެވެ. އަދި ކްލަބްތަކަށް ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހަދާއިރު، ޓެކުހާއި ބެހޭ ފުރިހަމަ މައުލޫމާތު ދޭން ޖެހޭނެ ކަމަށް ބަލަގޫ ވަނީ ބުނެފަ އެވެ.