ހާލަތު ގޯސް، އެކަމަކު ރޯލަރޯލާ ހުރެވޭކަށް ނެތް: މޮރީނިއޯ

މިއުނިކް (އޮގަސްޓް 6) - މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެފައިވާ މައްސަަލަތަކާ ހުރެ އެކަމާ ރޯން ހުރެވޭކަށް ނެތް ކަމަށާއި ސީޒަން ފެށެން އޮތީ މަދު ދުވަސްކޮޅަކަށް ވުމުން ހުރިހާ ފޯކަސް އެއް ހުރީ ތިބި ކުޅުންތެރިން ގޮވައިގެން ނަތީޖާ ނެރުމަށް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޕްރީ ސީޒަނުގައި ޔުނައިޓެޑް ކުޅުނު ފަހު މެޗުން ރޭ ވަނީ 1-0 އިން ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. މި މެޗުގައި ޔުނައިޓެޑަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު، މެޗަށް ފަހު މޮރީނިއޯ ވެސް ވަނީ މިއީ އޭނާ ބޭނުންވި ވަރުގެ ކުޅުމެއް ނުފެންނަ މެޗެއް ކަމަށް ބުނެފަ އެވެ.

"ކުޅުންތެރިން ކުރި ހިތްވަރަށް އަހަރެން ސާބަސް ދެން. އެއީ މި ކުޅުންތެރިންނަށް ވާނެ ވަރު އެމީހުން ކުރި. އެކަމަކު މިއީ އަހަރެން އެންމެ ބޭނުންވާ ގޮތެއް ނޫން. ވަރަށް އުނދަގޫ ޕްރީ ސީޒަނެއް މި ނިންމާލީ. ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އޭގެ ކުރިން ވޯލްޑް ކަޕަށް ފަހު ޗުއްޓީގައި ތިބި ޔުނައިޓެޑްގެ ތަރިން ކަމަށްވާ ޕައުލް ޕޮގްބާ އާއި ރޮމެލޫ ލުކާކޫ ފަދަ މުހިއްމު ކުޅުންތެރިން ޓީމާ ގުޅޭނެ އެވެ. އެހެން ނަމަވެސް އެ ކުޅުންތެރިން ބޭނުންކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ ވަރަށް ވިސްނާފައި ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"މި ހާލަތު މިހެން އޮތުމުންނޭ ކިޔާފައި ރޯން ތިބެވޭކަށެއް ނެތް. އަހަރެމެން މި ހަފްތާ ވަރަށް އޮގަނައިޒްކޮށް ގެންދަން ޖެހެނީ. ކުޅުންތެރިން ޓީމުގައި ހުކުުރު ދުވަހު ތިބޭނެ. ޕޮއިންޓް ހޯދަން އަހަރެެމެން ކުޅެން ޖެހެނީ. މެޗުން ނަތީޖާ ނެރެވޭވަރުގެ ޓީމެއް ނެރޭނަން،" މޮރީނިއޯ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އާއި ބްރެޒިލްގެ ފްރެޑް ގެނެސްފަ އެވެ. އަންނަ ބުރާސްފަތި ދުވަހު އިނގިރޭސި ޓީމުތަކަށް ޓްރާންސްފާގެ މުއްދަތު ހަމަވާއިރު މޮރީނިއޯ ހުރީ އިތުރު ކުޅުންތެރިއަކު ގެންނާނެ ކަމުގެ އުއްމީދުގަ އެވެ. މޮރީނިއޯ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމުގެ ކުރިން އޭނާ ބޭނުންވާ ފަސް ކުޅުންތެރިންގެ ލިސްޓެއް ޔުނައިޓެޑަށް ހުށަހަޅައިފަ އެވެ.

"ސީއީއޯ އަށް އިނގޭނެ އަހަރެން ބޭނުންވާ ކުޅުންތެރިން. އަހަންނަށް އެނގޭ އޭނަ ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ވެސް. އަދި ވެސް އެ މަސައްކަތްކުރަން ދުވަސްކޮޅެއް އެބައޮތް. އުއްމީދުކުރަނީ އިތުރު ކުޅުންތެރިއަކު ލިބޭނެ ކަމަށް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ވާދަވެރި ޓީމުތަކުން ފެންވަރު ރަނގަޅު ކުޅުންތެރިން ގެންނައިރު ޔުނައިޓެޑަށް އެކަން ނުކުރެވި އޮތުމުން ވިސްނަން ޖެހޭ ކަމަށެވެ.

"އަހަރެމެންނާ ވާދަކުރާ ޓީމުތަކުގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް. މިސާލަކަށް ޗެލްސީ، ޓޮޓެންހަމް ނޫނީ މެންޗެސްޓާ ސިޓީ. އެ މީހުން އަންނަނީ ވަރަށް ރަނގަޅަށް ހަރަދުކުރަމުން. ލިވަޕޫލަށް ބަލާއިރު އެ މީހުން އެ ގަންނަނީ ބޭނުންވާ ހުރިހާ ކުޅުންތެރިން. އަހަރެމެންނަށް މިކަން ނުކުރެވޭނަމަ މި ކުރިމަތިލަނީ އުނދަގޫ ސީޒަނަކާ،" މޮރީނިއޯ ބުންޏެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ލެސްޓާގެ ޑިފެންޑަރު ހެރީ މެގުއާ ހޯދުމަށް ޔުނައިޓެޑުން ރެކޯޑް ބިޑެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ލެސްޓާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މެގުއާ ވިއްކާލަން އެ ޓީމުން ކިޔާ އަގު އުޅެނީ 98 މިލިއަން ޑޮލަރުގަ އެވެ.