ޕީއެސްޖީ ބަރޯސާވަނީ އަހަންނަކަށް ނޫން: ނޭމާ

ޕެރިސް (އޮގަސްޓް 7) - ޕީއެސްޖީ ބަރޯސާވަނީ ހަމައެކަނި އޭނާ އަށް ނޫން ކަމަށާއި މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށް ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.


ނޭމާ މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނޭމާ ޓީމު ބަދަލުކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ހިޔަނިން ނިކުމެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދުމުގެ އަޒުމުގަ އެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލީ މިދިޔަ މާޗް މަހުގައި ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިންނެވެ. އަނިޔާ އިން ރަނގަޅުވެ ވޯލްޑް ކަޕްގައި ނޭމާ ވަނީ ކުޅެފަ އެވެ.

ނޭމާ އަލުން ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ ހޮނިހިރު ދުވަހު ފްރެންޗް ސުޕަ ކަޕް މެޗުގަ އެވެ. ޗައިނާގައި ކުޅުނު އެ މެޗުން ޕީއެސްޖީ ވަނީ 4-0 އިން މޮނާކޯ ބަލިކޮށްފަ އެވެ. ނޭމާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ދެ ވަނަ ހާފުގަ އެވެ.

"ޕީއެސްޖީން ހަމައެކަނި އަހަންނަށް ބަރޯސާވާން ޖެހޭނެ ސަބަބެއް ނެތް. މި ޓީމުގައި މޮޅެތި ގިނަ ކުޅުންތެރިން އެބަތިބި. އަހަރެން މި ޓީމަށް ބަދަލުވީ ގިނަ ކާމިޔާބީތަކެއް ހޯދަން. ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދުމަކީ އެންމެ ބޮޑު ޓާގެޓް،" ނޭމާ ބުންޏެވެ.

ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ނޮމިނޭޝަނުގެ ގަދަ 10 އަކުން ނޭމާ އަށް ފުރުސަތު ގެއްލިފައިވާއިރު އެކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރުމުން ވަކި ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ނޭމާ އަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ މެޗުގެ ތެރެއިން ފައުލެއް ވުމާ އެކު އޭނާ އަށް ކަމެއް ނުވި ނަމަވެސް މާބޮޑަށް ދަނޑުމަތީގައި އެކްޓް ދައްކަނީ ކަމަށް ބުނެ އެވެ. ނޭމާ ބުނީ ވޯލްޑް ކަޕުގައި ގިނަ ހިތި ތަޖުރިބާތަކެއް ކުރެވުނު ކަމަށާއި އުއްމީދުކުރަނީ އެ ހުރިހާ ކަމެއް ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި ބަދަލުކުރެވޭނެ ކަމަށެވެ.

ޕީއެސްޖީ އަކީ ސީޒަނުގައި ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވޭނެ ފެންވަރުހުރި ޓީމެއް ކަމަށާއި އެ ޓީމުގައި މިހާރު ހުރި ކޯޗު ތޯމަސް ޓުޗެލްއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.