ކެޕާ އާއި ކޮވަސިޗް ޗެލްސީ އަށް، ކޯޓުއާ ރެއާލަށް

ލަންޑަން (އޮގަސްޓް 9) - ޗެލްސީން އެތުލެޓިކް ބިލްބާއޯގެ ސްޕެއިނުގެ ޒުވާން ކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ގެނައިރު، އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ރެއާލަށް ވިއްކާލައިފި އެވެ.


ޗެލްސީން އުމުރުން 23 އަހަރުގެ ކެޕާ ގަތީ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގަ އެވެ. ޗެލްސީން ވަނީ ކެޕާ އާއި ބިލްބާއޯއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 91 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މިއާ އެކު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޯމާ އަށް ކުޅޭ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ދެމިހުރީ 20 ދުވަސް ވަންދެނެވެ. ލިވަޕޫލުން އެލިސަން ގަތީ 84.4 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ރޯމާ އަށް ދެއްކުމަށް ފަހު އެވެ.

ކެޕާގެ ޓްރާންސްފާ އަކީ ޗެލްސީގެ ވެސް ރެކޯޑް ޓްރާންސްފާ އެވެ. އެ ޓީމުން މީގެ ކުރިން އެއް ކުޅުންތެރިއަކަށް އެންމެ ބޮޑު ހޭދައެއް ކުރީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށެވެ. މިދިޔަ ސީޒަނުގައި ޗެލްސީން މޮރާޓާގެ ސޮއިހޯދީ ރެއާލަށް 77 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމަށް މޮޅު ކުޅުމެއް ދެއްކި ކޯޓުއާ ރެއާލަށް ވިއްކާލީ 45 މިލިއަން ޑޮލަރަށެވެ. އެ ޑީލްގެ ތެރެއިން ރެއާލަށް ކުޅޭ ކޮވަސިޗް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޮވަސިޗް ދޫކޮށްލީ ލޯންގެ މުއްދަތު ހަމަވުމުން ކޮންޓްރެކްޓް ދާއިމީ ކުރެވޭ މާއްދާއެއް ނުހިމަނަ އެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ އެލިސަން ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އޭނާ ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތް ކާމިޔާބު ނުވުމުން ދެން ސާރީ މަސައްކަތްކުރީ ކޯޓުއާ އެ ޓީމުގައި މަޑުކުރުވުމަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕްގެ ޗުއްޓީ އަށް ފަހު ޓީމާ އަލުން ގުޅެން ކޯޓުއާ ދެކޮޅު ހެދުމުން އޭނާ ވިއްކާލަން ނިންމީ އެވެ.

ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ.

ސްޕެއިނުގައި ކޯޓުއާ އުޅުނުއިރު އޭނާ ލޯބީގެ ގޮތުން ގުޅުނު މާތާ ޑޮމިންގޭޒާ ދެމީހުންނަށް ކުއްޖަކު ލިބުނެވެ. މިދިޔަ އަހަރު ކޯޓުއާ އާއި މާތާ ވަކިވި ނަމަވެސް އަލުން އެ ދެ މީހުން ވަނީ ގުޅިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޯޓުއާ އަލުން މެޑްރިޑަށް ދިިރިއުޅުން ބަދަލުކުރަން ބޭނުންވި އެއް ސަބަބަކީ މިއީ އެވެ.