ބާސެލޯނާގެ ޔެރީ މިނާ އާއި ގޯމޭޒް އެވަޓަން އަށް

ލިވަޕޫލް (އޮގަސްޓް 10) - ބާސެލޯނާގެ ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އާއި ޕޯޗުގަލްގެ މިޑްފީލްޑަރު އަންޑްރޭ ގޯމޭޒް އިނގިރޭސި ކްލަބް އެވަޓަން އަށް ބަދަލުވެއްޖެ އެވެ.


އެވަޓަން އިން މިނާ ގަތީ 35 މިލިއަން ޑޮލަރަށެވެ. އަދި އަންޑްރޭ ގޯމޭޒް އެ ޓީމަށް ބަދަލުވީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޝަހުތަރު ޑޮނެސްކުގެ ބްރެޒިލްގެ ވިންގް ބަނާޑް ވެސް ވަނީ ގެނެސްފަ އެވެ.

މިރޭ ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުރިން އިނގިރޭސި ޓްރާންސްފާ ބާޒާރު ރޭ ނިމުނުއިރު އެވަޓަންގެ ތިން ޓްރާންސްފާގެ އިތުރުން ވެސް އެހެން 22 ކުޅުންތެރިއަކު ވަނީ އެކި ކްލަބްތަކާ ގުޅިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ބަދަލުވީ ފުލަމް އަށެވެ. އެ ޓީމުން ވަނީ މާސޭގެ މިޑްފީލްޑަރު އަންޑްރޭ-ފްރާންކް އަގުއީސާ އާއި ބްރިސްޓަލް ސިޓީގެ ޖޯއީ ބްރަޔަން ގަނެފަ އެވެ. އޭގެ އިތުރުން ސެވިއްޔާގެ ގޯލްކީޕަރު ސާޖިއޯ ރިކޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ލޫޗިއާނޯ ވިއޭޓޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޓިމޮތީ ފޮސޫ މެންސާ ވެސް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފަ އެވެ.

ބްރައިޓަން އިން ވަނީ ކުރިން ބާސެލޯނާ އާއި އިންޓަ މިލާނަށް ކުޅުނު ޑިފެންޑަރު މާޓިން މޮންޓޯޔާގެ ސޮއި ހޯދައިފަ އެވެ. ވެސްޓް ހޭމް އިން ކާލޮސް ސަންޗޭޒް ގަތްއިރު، ސްވަންސީގެ ޖޯޑަން އަޔޫ ވަނީ ލޯނެއްގެ ދަށުން ކްރިސްޓަލް ޕެލަސް އަށް ބަދަލުވެފަ އެވެ. އަދި އަންޑަލެކްޓަށް ކުޅޭ ބެލްޖިއަމް ގައުމީ ޓީމުގެ މިޑްފީލްޑަރު ލިއަންޑާ ޑެންޑޮންކާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ވުލްސްއާ ގުޅިފަ އެވެ.

ލެސްޓާ ސިޓީން ވަނީ އިއްޔެ ދެ ޑިފެންޑަރުންގެ ސޮއި ހޯދައިފަ އެވެ. އެއީ ޖަރުމަނުގެ ފްރެއިބާގަށް ކުޅޭ ތުރުކީ ގައުމީ ޓީމުގެ ކަގްލާ ސޮޔުންކޫ އާއި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ކުޅޭ ފިލިޕް ބެންކޮވިޗް އެވެ.

މެންޗެސްޓާ ސިޓީން ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިއާ އަދި މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއާ ޑެނިއަލް އަރްޒާނީ އެ ޓީމަށް ގެންގޮސްފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެއްވެސް ކުޅުންތެރިއެއް ނުގެންނަނީ ޓޮޓެންހަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޓޮޓެންހަމުން ކުޅުންތެރިއަކު ނުގެންނަން ނިންމީ އެ ޓީމުގެ އާ ސްޓޭޑިއަމް ނިންމުމުގެ ކަންތައް އަވަސްކުރަން ވެގެން އެހެން ބޮޑު ހަރަދެއް ކުރެވެން ނެތުމުންނެވެ.