ބާސެލޯނާގެ ކެޕްޓަންކަން މެސީ އަށް

ބާސެލޯނާ (އޮގަސްޓް) 11 – އަންދްރޭ އިނިއެސްޓާ ދިއުމުން ހުސްވި ބާސެލޯނާގެ ކެޕްޓަންގެ މަގާމް ރަސްމީކޮށް ލިއޮނަލް މެސީ އަށް ކްލަބުން ދީފި އެވެ.


މުޅި ކެރިއަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު ޖަޕާނުގެ ވިސެލް ކޯބޭ އަށް ދާދި ފަހުން ބަދަލުވި އިނިއެސްޓާ މިދިޔަ ސީޒަނުގައި ނުކުޅޭ މެޗުތަކުގައި މެސީ ކެޕްޓަންކަންކުރި އެވެ.

ބާސެލޯނާގެ ވައިސް ކެޕްޓަންގެ މަގާމުގައި 2015 ވަނަ އަހަރުން ފެށިގެން ހުރި މެސީ އަކީ އާޖެންޓީނާގެ ކެޕްޓަން ވެސް މެ އެވެ. ކްލަބުގެ އާ ވައިސް ކެޕްޓަނަކަށް ސާޖިއޯ ބުސްކެޓްސް ހަމަޖައްސާފައިވާއިރު ދެ ވަނަ ވައިސް ކެޕްޓަނަކީ ޖެރާޑް ޕީކޭ އެވެ. އަދި ތިން ވަނަ ވައިސް ކެޕްޓަނަކީ ސާޖި ރޮބާޓޯ އެވެ. ކުރިން ތިން ވަނަ ވައިސް ކެޕްޓަނަކަށް ހުރި ހަވިއޭ މަޝެރާނޯ ވެސް ވަނީ ޖެނުއަރީ މަހު ކްލަބް ދޫކޮށްލައިފަ އެވެ. މިހާރުގެ ހަތަރު ކެޕްޓަނުންނަކީ ވެސް ބާސެލޯނާގެ ޔޫތު އެކަޑަމީގެ އުފެއްދުންތަކެވެ. މީގެ ކުރިން އެފަދަ ހާލަތެއްގައި އައީ 2014/2015 ގައި ޒަވީ، އިނިއެސްޓާ، ބުސްކެޓްސް އަދި މެސީ އަށް މަގާމްތައް ލިބުން ފަހަރު އެވެ.

މެސީ އަކީ އުމުރުން 14 އަހަރުގައި ބާސެލޯނާގެ އެކަޑަމީއާ ގުޅި އަދި 2005 ގައި ސީނިއާ ޓީމަށް ކުޅެން ފެށި ކުޅުންތެރިއެކެވެ. އުމުރުން 31 އަހަރުގެ މެސީ އަކީ މިހާރު ބާސެލޯނާގެ ރަމްޒެކެވެ. އެ ކްލަބާ އެކު ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހާސިލްކޮށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވެ އެވެ.

އަންނަ ސީޒަނުގައި ބާސެލޯނާގެ ޝަރަފްވެރި ހަތް ނަމްބަރު ޖާޒީ ބޭނުންކުރާނީ ޖެނުއަރީ މަހު ބޮޑު އަގެއްގައި ލިވަޕޫލުން ގުޅުނު ބްރެޒިލްގެ ފިލިއްޕެ ކުޓީނިއޯ އެވެ. އޭނާ ފުރަތަމަ ބޭނުންކުރީ މަޝެރާނޯ ހުސްކުރި 14 ނަމްބަރު ޖާޒީ އެވެ. ކުރިން ހަތް ނަމްބަރު ބޭނުންކުރަމުން އައީ އާޑާ ޓުރާން އެވެ. މި ޖާޒީ ބޭނުންކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ލުއިސް ފީގޯ، ހެންރިކް ލާސަން އަދި ޑަވިޑް ވިޔާ ހިމެނެ އެވެ.