މެސީ އަނެއްކާ ވެސް ގައުމީ ޓީމުން ރިޓަޔާކުރީތަ؟

ބާސެލޯނާ (އޮގަސްޓް 16) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް އަނެއްކާ ވެސް ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މީގެ ކުރިން މެސީ ވަނީ އެއް ފަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު އެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކޮށް އުމުރުން 31 އަހަރުގެ މެސީ އަލުން ޓީމަށް އެނބުރި އައީ އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ޑެއިލީ ކްލެރިން އިން ރިޕޯޓްކުރާ ގޮތުގައި މެސީ ނިންމާފައިވަނީ އާޖެންޓީނާ ދެން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ބައިވެރުނުވާށެވެ. އަދި މެސީ ވަނީ އެކަން އާޖެންޓީނާއާ ވަގުތީ ގޮތުން ހަވާލުވި ކޯޗު ލިއޮނަލް ސްކަލޯނީއާ ވެސް މަޝްވަރާކޮށްފަ އެވެ. އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ އެނބުރި ޓީމަށް އަންނާނެ ވަކި ތާރީހެއް ނުނިންމަ އެވެ. އަދި އޭނާ އަނެއްކާވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ ކެޓީ ދެ ވަނަ ބުރުގައި ފްރާންސް އަތުން ބަލިވުމުންނެވެ. އާޖެންޓީނާ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިއާ އަތުންނެވެ.

ރޭ ބޮކަޖޫނިއަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ ބާސެލޯނާ ސަޕޯޓަރުންނާ ވާހަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ކާލޮސް ޓެވޭޒް ވަނީ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިނަމަ އެ ނިންމުމަށް މަރުހަބާ ކިޔަން ޖެހޭ ކަމަށާއި އޭނާ ޓީމުގައި ހުންނައިރު އޭގެ އަގުވަޒަންނުކުރާނަމަ ކުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބާސެލޯނާ ވަނީ 3-0 އިން ބޮކަ ޖޫނިއާސް ބަލިކޮށްފަ އެވެ. މެސީ އެ މެޗުގައި ލަނޑު ޖެހިއިރު، އެ މެޗަށް ފަހު ގައުމީ ޓީމުގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލުތަކަށް މެސީ ޖަވާބެއް ނުދެ އެވެ.

މެސީ ވަނީ ކުރިއަށް އޮތް ސީޒަނާ ބެހޭގޮތުން ބާސެލޯނާގެ ސަޕޯޓަރުންނަށް އުއްމީދީ މެސެޖްތަކެއް ދީފަ އެވެ.

"އަހަރެމެން މި ސީޒަނުގައި އެންމެ ބޮޑަށް ޓާގެޓް ކުރަނީ ޗެމްޕިއަންސް ލީގަށް. މި ފަހަރު ޓީމު ވަރުގަދަ ވެފައި އޮތުމުން އަހަރެމެންނަށް އެކަން (ޗެމްޕިއަންސް ލީގު ކާމިޔާބު) ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދިދާނެ. މިދިޔަ އަހަރު ލީގާއި ކަޕް ލިބުނަސް ޗެމްޕިއަންސް ލީގުގައި ދިޔަގޮތް ރަނގަޅެއް ނޫން ވަރަށް ހިތްދަތި ގޮތަކަށް މުބާރާތުން ވަކިވާން ޖެހުނީ،" މެސީ ބުންޏެވެ.

މިދިޔަ ތިން ސީޒަނުގައި ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުގެ ފުރުސަތު ނުލިބި އެވެ. އަނެއްކޮޅުން މުބާރާތުގެ ތަށި އުފުލާލީ ބާސެލޯނާއާ އެންމެ ވާދަވެރި ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުންނެވެ. މެސީ ބުނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.