މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އިން ލީގު ހުޅުވައިފި

ބާސެލޯނާ (އޮގަސްޓް 19) - ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ޑިޕޯޓިވޯ އަލަވެސް އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި ދިފާއުކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ފަށައިފި އެވެ.


ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ މި މެޗުގައި ބާސެލޯނާ ކުރި ހޯދީ 64 ވަނަ މިނެޓުގައި މެސީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. ބާސެލޯނާގެ ކެޕްޓަންގެ ގޮތުގައި ލީގުގައި މެސީ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ޖެހި މި ގޯލަކީ ސްޕެނިޝް ލީގުގެ ތާރީހުގައި ބާސެލޯނާ އިން ކާމިޔާބުކުރި 6000 ވަނަ ގޯލެވެ. މީގެ އަށް އަހަރު ކުރިން ބާސެލޯނާގެ 5000 ވަނަ ގޯލް ވެސް ޖެހީ އޭނާ އެވެ.

ބާސެލޯނާ ދެ ވަނަ ގޯލް 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިދިޔަ ޖެނުއަރީ މަހު ރެކޯޑް އަގެއްގައި އެ ޓީމާ ގުޅުނު ބްރެޒިލް ޕްލޭމޭކަރު ފިލިއްޕެ ކުޓީނިއޯ އެވެ. ތިން ވަނަ ލަނޑު މެސީ ކާމިޔާބުކުރީ 90 ވަނަ މިނެޓުގަ އެވެ. ލުއިސް ސުއަރޭޒް ދިން ބޯޅަ މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު މެސީ ގޯލަށް ވައްދާލީ އަލަވެސްގެ ދެ ޑިފެންޑަރުން ކައިރިން ދެމި ގަތުމަށް ފަހު އެވެ.

ތިން ލަނޑުން މޮޅުވި ނަމަވެސް މި މެޗު ވެގެން ދިޔައީ ބާސެލޯނާ އަށް އުނދަގޫ މޮޅަކަށެވެ. އަލަވެސް އިން ފަހަތަށް ޖެހިގެން ކުޅުނުއިރު، ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާނުލެވުނެވެ.

ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ރެއާލް ސޮސިއެޑާޑް ވަނީ 2-1 އިން މޮޅުވެފަ އެވެ. އާސެނަލަށް ކުޅެނިކޮށް 2016 ގައި ފަޔަށް ލިބުނު އަނިޔާއަކަށް ފަހު، ވިޔަރެއާލުގެ ސެންޓި ކަޒޯލާ ވަނީ ފުރަތަމަ ފަހަރަށް މި މެޗުގައި ކުޅެފަ އެވެ.

ގަދަފަދަ ރެއާލް މެޑްރިޑް ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ގެޓަފޭއާ ދެކޮޅަށެވެ. އެ ޓީމު ވަނީ ސީޒަނުގެ ވާދަވެރި ފުރަތަމަ މެޗުގައި، ޔުއެފާ ސުޕަ ކަޕުގައި މިދިޔަ ހަފުތާގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 4-2 އިން ބަލިވެފަ އެވެ.