ޔުއެފާ ރައީސްގެ އެވޯޑް ބެކަމް އަށް

ލަންޑަން (އޮގަސްޓް 21) - ފުޓްބޯޅައިގެ ހިދުމަތްތެރިންނަށްދޭ ޔުއެފާ ޕްރެޒިޑެންޓް އެވޯޑް އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށް މި އަހަރު ދޭން ނިންމައިފި އެވެ.


ބެކަމް އަށް މި އަހަރު ފަހުކޮޅު އެވޯޑް ހަވާލުކުރަން ނިންމާފައިވާއިރު، އޭނާ ވެގެންދާނީ މި އެވޯޑް ލިބޭ އިންގްލެންޑްގެ ތިން ވަނަ ފަރާތަށެވެ. މީގެ ކުރިން މި އެވޯޑް ލިބުނީ މަޝްހޫރު ކޯޗު ބޮބީ ރޮބްސަން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ބޮބީ ޗާލްޓަން އަށެވެ.

ޔުއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވީ ބެކަމް އަށް މި ފަހަރުގެ އެވޯޑް ދޭން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހު އޭނާ ފުޓްބޯޅަ އަށް އެކި ރޮނގުން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

"އޭނާ އަންނަނީ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ފުޓްބޯޅައިގެ އަގުހުރި އެތައް މަސައްކަތްތަކެއް ދުނިޔޭގެ އެކި ސަރަހައްދުގައި އޭނާ ކޮށްފި،" ކެފެރިން ވިދާޅުވި އެވެ.

"ބެކަމް އަކީ ހަަމައެކަނި ފުޓްބޯޅައިގައި ތަފާތު ދެއްކި މީހެއް ނޫން. އޭނާ އަކީ އިންސާނިއްޔަތަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދިން މީހެއް. ބެކަމް އަކީ އޭނާގެ ޖީލުގައި ފުޓްބޯޅައިގެ މިސާލެއް. އޭނާ އަގުވަޒަންކުރުން މުހިއްމު."

އުމުރުން 43 އަހަރުގެ ބެކަމް ވަނީ އޭނާގެ ކެރިއަރުގައި ގައުމީ ޓީމާއި އެކި ކްލަބްތަކަށް 762 މެޗުން 130 ގޯލު ޖަަހައިފަ އެވެ. ބެކަމް އަކީ 1999 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ބެކަމް ބުނީ ޔުއެފާ ރައީސްގެ އެވޯޑް އޭނާ އަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި އަބަދުވެސް 100 ޕަސެންޓް ދިނިން ކޮންމެ މެޗެއްގައި ވެސް. އެންމެ ބޮޑަށް މަސައްކަތްކުރީ ޓީމްވޯކާއި ފެއާ ޕްލޭ ދަމަހައްޓަން. ޔުއެފާގެ ރައީސްދޭ އެވޯޑް ހާސިލްކުރުމަކީ އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް،" ބެކަމް ބުންޏެވެ.

ފުޓްބޯޅައިން އޭނާ އަށް ލިބިގެންދިޔަ މަޝްހޫރުކަމާއި ހުރިހާ ކަމެއްގެ ޒަރިއްޔާއިން ބެކަމް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންނަށް ޔުނިސެފް ޕްރޮގްރާމް ތެރެއިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބެކަމް އަކީ ޔުނިސެފްގެ އެމްބެސަޑަރެކެވެ. ބެކަމް ބުނީ މިއީ އޭނާ އަށް ކުޅުން ހުއްޓާލި ފަހުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.

ބެކަމް އޭނާގެ ކެރިއަރު ފެށީ 1992 ވަނަ އަހަރު ޔުނައިޓެޑުންނެވެ. އޭނާ ދެން ފެނުނީ 2003-2007 އަށް ރެއާލް މެޑްރިޑުންނެވެ. ފުޓްބޯޅައިން 2013 ވަނަ އަހަރު ރިޓަޔަކުރުމުގެ ކުރިން ބެކަމް ވަނީ ލޮސް އެންޖެލެސް ގެލެކްސީ އާއި އޭސީ މިލާން އަދި ޕީއެސްޖީ އަށް ކުޅެފަ އެވެ. އިންގްލެންޑް ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ބެކަމް ވަނީ 1996 އިން 2009 އަށް 115 މެޗު ގައުމީ ޓީމަށް ކުޅެދީފަ އެވެ.