މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ނިމިއްޖެ: ވަލްވާޑޭ

ބާސެލޯނާ (އޮގަސްޓް 24) – ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމާ އެކު އޭނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީއާ ދެމެދު އޮތް ވާދަވެރިކަން ނިމިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.


ރޮނާލްޑޯ 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ހިސާބުން ފެށިގެން އޭނާ އާއި މެސީ އަޅާކިޔަން ވަނީ ފަށައިފަ އެވެ. އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އެއީ މީޑިއާ އިން އުފެއްދި ވާދަވެރިކަމެއް ކަމަށް އެ ދެ ކުޅުންތެރިން ބުނެ އެވެ. އެ ވާދަވެރިކަން އެންމެ ބޮޑީ ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގަ އެވެ. ދެ ކުޅުންތެރިންނަށް ލިބޭ ކާމިޔާބީތަކުގެ ރެކޯޑްތައް ގުނައި އެ ބޭނުންކޮށްގެން ވަރުގަދަ ބަހުސްތައް ސޯޝަލް މީޑިއާގައި އަބަދުވެސް ކުރެވެ އެވެ.

އެންމެ ފަހުން ރޮނާލްޑޯ މި ވަނީ 100 މިލިއަން ޔޫރޯގެ އަގަކަށް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަމެއް ދެން އޮތަސް އޮންނާނީ ޗެމްޕިއަންސް ލީގުގަ އެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މުބާރާތް ކާމިޔާބުކުރުމެވެ.

"ރޮނާލްޑޯ މެޑްރިޑް ދޫކޮށް ދިއުމާ އެކު ބެލެވޭ ގޮތުގައި އެ ދެ ކުޅުންތެރިންގެ މެދުގައި އޮތް ހާއްސަ ވާދަވެރިކަން ނިމޭނެ،" ވަލްވާޑޭ ބުންޏެވެ. "(ރޮނާލްޑޯ ދިއުމާ އެކު) ރެއާލް މެޑްރިޑުގެ ފުޓްބޯޅައަށް އަންނަ ބަދަލު ބެލުމަކީ ޝައުގުވެރިކަމެއް. ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ހަދާނެ އެއްޗަކާއި އެ ބަދަލާ ގުޅިގެން ސްޕެނިޝް ލީގާއި ޔޫރަޕިއަން ފުޓްބޯޅައަށް ކުރާ އަސަރު އެއީ ޝައުގުވެރިކަމަކަށް ވާނެ."

ރޮނާލްޑޯގެ ބަދަލާ އެކު ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑަށް ކޮންމެވެސް ވަރެއްގެ އަސަރުކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ސަބަބަކީ ރޮނާލްޑޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ސަމާލުކަން އެ ކްލަބުން ގެއްލުމެވެ. މި ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ 10 އަހަރު އެ ޓީމުގެ ދަނޑަށް އެންމެ މަދުން ސަޕޯޓަރުން ވަން މެޗެވެ. އެކަމާ ރޮނާލްޑޯއާ ގުޅުވައިގެން ވާހަކަދެކެވެ އެވެ.