މެސީގެ ޖާޒީ އަންދާލަން ގޮވި ފަލަސްތީން އެފްއޭގެ ރައީސް ސަސްޕެންޑްކޮށްފި

ޒިއުރިކް (އޮގަސްޓް 25) – އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާޒީތައް އަންދާލަން ގޮވާލާފައިވާތީ ފީފާ އިން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް ފުޓްބޯޅަ މެޗުތަކުން އެއް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.


އޭނާ އެގޮތަށް ގޮވާލީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު އާޖެންޓީނާ އާއި އިޒްރޭލުން ގުދުސްގައި އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވުމުންނެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ އަދި އެތަނަށް އެމެރިކާގެ އެމްބަސީ ބަދަލުލުކުރުމުން އެތައް ބަޔެއްގެ ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށް އެތަނުގައި މެޗު ކުޅޭތީ ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އަމާޒުވި އެވެ.

ރަޖޫބް ވަނީ މި މެޗަކީ އިޒްރޭލުން ސިޔާސީ މަންފާއެއް ހާސިލްކުރަން ކުޅޭ މެޗެއް ކަމަށް ވިދާޅުވެ، މި މެޗު ނުކުޅުމަށް ލިއޮނަލް މެސީ އާއި އާޖެންޓީނާގެ ކިބައިން އެދިފަ އެވެ. އަދި މެސީގެ އެތައް މިލިއަން ސަޕޯޓަރުންނެއް އަރަބި އަދި މުސްލިމް ގައުމުތަކުގައި ތިބޭ ކަމަށާއި މެސީގެ ނަން ޖަހާފައިވާ ހުރިހާ ޖާޒީތަކާއި ޕޯސްޓަރުތައް އަންދާލަން ރަޖޫބް ގޮވާލެއްވި އެވެ.

އިޒްރޭލުން ވަނީ މެޗު ކެންސަލްކުރުމަށް އާޖެންޓީނާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ރަޖޫބް ޕްރެޝަރުކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފީފާގައި ޖައްސާނެ ކަމަށް އޭރު ވެސް ބުނެފަ އެވެ.

އާޖެންޓީނާގެ ހާރިޖީ ވަޒީރު ޖޯޖް ފޯރެއި އޭރު ވިދާޅުވީ މެޗު ކެންސަލް ކުރަން ޖެހިފައިވަނީ ކުޅުންތެރިން ކުޅެން ބޭނުންނުވާތީ ކަމަށާއި ކުޅުންތެރިންނަށް ނުފޫޒު ފޯރުވައިގެން އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށެވެ.

އަސްލު އެ މެޗަކީ ހައިފާގައި ކުޅެން ރޭވި މެޗެކެވެ. އެކަމަކު ގުދުސްގައި މެޗު ކުޅެން އިޒްރޭލުގެ ކަނާތު ފިޔައިގެ ކުޅިވަރު ވަޒީރު މިރީ ރެޖޭވް ފަހުން ނިންމެވީ އެވެ. އޭގެ ބޭނުމަކީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެފައިވާ ދަނޑިވަޅުގެ ފައިދާ ނެގުން ކަމަށް އެއް ބަޔަކު ދެކެ އެވެ. މެޗު ކުޅެން ހަމަޖެއްސި ގުދުސްގެ ޓެޑީ ސްޓޭޑިއަމަކީ ކުރިން ފަލަސްތީނު މެޗުތަކަށް ބޭނުން ކުރި ދަނޑެކެވެ.

އިޒްރޭލުގެ ކުޅިވަރާ ބެހޭ ވަޒީރު ރެޖޭވް ވިދާޅުވީ ފީފާގެ ނިންމުމުން ދައްކުވައިދެނީ އަނިޔާވެރިކަމަށް ހިތްވަރުދޭ ޓެރަރިސްޓުންނަށް ފުޓްބޯޅައިގެ ދުނިޔޭގައި ޖާގައެއް ނެތްކަން ކަމަށެވެ. އަދި ފުޓްބޯޅަ ސްޓޭޑިއަމްތަކުގެ ރޮސްޓަރަމުގެ ބަދަލުގައި ރަޖޫބް ވަންނަވަން ޖެހޭނީ ޖަލަށް ކަމަށް ވެސް ރެޖޭވް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ހަގީގަތުގައި ފީފާ އިން ރަޖޫބަށް ދީފައިވަނީ ނިސްބަތުން ކުޑަ އަދަބެކެވެ. އޭނާ އަށް ފަލަސްތީން އެފްއޭ ހިންގުމަށް ވެސް އަދި ފީފާގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވެސް އެއްވެސް ހުރަހެއް ނެތެވެ. އޭނާ އަށް މަނާވާނީ ރަސްމީ ހައިސިއްޔަތުން މެޗުތަކަށް ވަނުމާއި މެޗު އޮންނަ ދުވަސްތަކުގައި ސްޓޭޑިއަމް ސަރަހައްދުގައި ބާއްވާ މީޑިއާ ހަރަކާތްތަކުގައި ބައިވެރިވުމެވެ. ފީފާ އިން ވަނީ ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމް ވެސް ފުރުއްވާ ރަޖޫބް 20،300 އެމެރިކާ ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ރަޖޫބް ވިދާޅުވީ އޭނާ އަށް ފީފާ އިން ދިނީ ހައްގު އަދަބެއް ނޫން ކަމަށާއި މިކަން އިސްތިއުނާފްކުރައްވާނެ ކަމަށެވެ. ފަލަސްތީން އެފްއޭ އިން ބުނެފައިވާ އަޑުއެހުމެއްގެ ފުރުސަތު ރަޖޫބަށް ދެއްވާފައިނުވާ ކަމަށާއި އަދި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އޭނާގެ ބަޔާން ވެސް ބަލައިނުގަންނަ ކަމަށެވެ.

ރަޖޫބަކީ ފީފާގެ ބައްދަލުވުންތަކުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލަވާ ފަރާތެކެވެ. އެގޮތުން ހުޅަނގު އައްސޭރީގައި ޓީމުތައް ހެދުމާއި ކުޅުންތެރިންގެ ހަރަކާތްތަކަށް އިޒްރޭލުން ހުރަސް އަޅާތީ، އެ ގައުމަށް އަދަބުދޭން އޭނާ ވަނީ ފީފާގެ ކޮންގްރެސްތަކުގައި މެމްބަރު ގައުމުތަކަށް ގޮވާލައިފަ އެވެ.