ބާސެލޯނާ އާއި އެތުލެޓިކޯ އަށް ހަނި މޮޅެއް

މެޑްރިޑް (އޮގަސްޓް 26) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން ހަނި މޮޅެއް ހޯދައިފި އެވެ. ރަށުންބޭރުގައި ބާސެލޯނާ މޮޅުވީ ރެއާލް ވަލަޑޮލިޑް 1-0 އިންނެވެ. އަދި އެތުލެޓިކޯ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރަޔޯ ވަޔެކާނޯ އަތުން މޮޅުވެފަ އެވެ.


ރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު މެޗުގެ 57 ވަަނަ މިނިޓްގައި ކާމިޔާބުކުރީ ފްރާންސްގެ ވިންގް އޮސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ އާއި ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވަލަޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް އެވެ.

ބާސެލޯނާ އެންމެ ފަހުން ވަލަޑޮލިޑް ދަނޑުގައި ލީގުގައި މީގެ ހަތަރު އަހަރު ކުރިން ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު ބާސެލޯނާގެ ފޯމު ގެއްލި އެ ޓީމަށް އެ ފަހަރުގެ ލީގު ގެއްލުނެވެ.

ރޭގެ މެޗުގައި ވެސް ވަލަޑޮލިޑުން ވަނީ ބާސެލޯނާ އަށް ނުރައްކާ ކޮށްފަ އެވެ. އެ ގޮތުން މެޗުގެ ފަހު ވަގުތު ވަލަޑޮލިޑްގެ ކެކޯ ބޮލުން ޖެހި ގޯލް ބަލައިނުގަންނަން ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ވަލަޑޮލިޑްގެ ދަނޑުގެ ހާލަތު އޮތްގޮތުން ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވިކަމަށް ބުނެފަ އެވެ.

ރޭގެ މެޗުގެ ކުރިން އެތުލެޓިކޯގެ ގްރީޒްމަން ވޯލްޑް ކަޕް ތަށި ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ގެނެސް ޓީމު ވަރުގަދަ ކުރި އެތުލެޓިކޯ ރޭ މޮޅުކޮށްދިން ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. އިތުރު ލަނޑު ޖަހަން އެތުލެޓިކޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުނެވެ.

ރޭގެ މެޗަކީ އެތުލެޓިކޯ އިން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ކުރިން މި ފަހަރު ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެތުލެޓިކޯގެ ތިން ކުޅުންތެރިން ވަނީ ވޯލްޑް ކަޕް ޓްރޮފީ އެ ޓީމުގެ ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. ފްރާންސް ސްކޮޑުގައި ހިމެނޭ އެތުލެޓިކޯގެ ތިން ކުޅުންތެރިންނަކީ ލޫކަސް ހެނާންޑޭޒް، ގްރީޒްމަން އަދި މި ސީޒަނުގައި އެ ޓީމަށް ބަދަލުވި މޮނާކޯގެ ތޯމަސް ލެމާ އެވެ.