ދެކުނު އެފްރިކާ އިން ބްރެޒިލް ހިފަހައްޓައިފި

ބްރެސިލިއާ، ބްރެޒިލް (އޮގަސްޓް 5) - އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިޔަނުދީ ދެކުނު އެފްރިކާ އިން ހިފަހައްޓައިފި އެވެ.


ދެ ޓީމު 0-0 އިން އެއްވަރުވި މެޗުގައި ދެކުނު އެފްރިކާގެ މޮތޯބީ މުވަލާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން މި މެޗުގެ ފަހު 30 މިނިޓް އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އޮލިމްޕިކްސް ފުޓްބޯޅައިން ނޭމާގެ ކެޕްޓަން ކަމުގެ ދަށުގައި ރަން މެޑަލް ހޯދުމަށް ޓާގެޓް ކޮށްގެން ބްރެޒިލް ނުކުތް ނަމަވެސް ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. ނޭމާ ބުނީ މުބާރާތުގެ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫ ކަމަށެވެ.

"މުބާރާތެއްގެ ފުރަތަމަ މެޗު އަބަދު ވެސް އުނދަގޫވާނެ. އެކަމަކު މި މެޗަކީ އަހަރެމެންނަށް މޮޅުވެވެންޖެހޭ މެޗެއް. މި މެޗުން އެއްވަރުވުމަކީ ބަލިވުން ފަދަ ކަމެއް. ކުރިއަށް ހުރި މެޗުތަކުގައި މިގޮތަށް ކުޅެގެން ކާމިޔާބު ނުހޯދޭނެ،" ނޭމާ ބުންޏެވެ.

ރޭގެ މެޗުގައި ބްރެޒިލް އިން ފޮނުވާލި ހަމަލާތަކެއް ދެކުނު އެފްރިކާގެ ކީޕަރު އިޓުމެލެން ކޫނޭ ވަނީ މަތަކޮށްފަ އެވެ. ކޫނޭ ބުނީ ރޭގެ މެޗަކީ އޭނާ އަށް ވަރަށް ހާއްސަ މެޗަކަށް ވާނެ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. ބްރެޒިލްގައި އެ ޓީމު ހިފެހެއްޓުމަކީ ވަރަށް މަދު މީހަކަށް ލިބޭނެ އުފަލެއް. ހާއްސަކޮށް އެންމެ ހިތްހަމަ ޖެހެނީ ނޭމާ ފަދަ ތަރިއަކަށް އަހަރެން ހުރި ގޯލަށް ބޯޅައެއް ފޮނުވާނުލެވުމުން. މި މެޗުގެ ޑީވީޑީ އަހަރެންގެ ކާފަ ދަރިންނަށް ވެސް ދައްކާނަން،" ކޫނޭ ބުންޏެވެ.

ރޭ ކުޅުނު މި ގްރޫޕުގެ އަނެއް މެޗުން ޑެންމާކާއި އިރާގް ވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ގްރޫޕް ބީގައި ކޮލަމްބިއާ އާއި ސްވިޑަން 2-2 އިން އެއްވަރުވިއިރު، މި ގްރޫޕްގެ އަނެއް މެޗުން ޖަޕާން ވަނީ 5-4 އިން ނައިޖީރިއާ އަތުން ބަލިވެފަ އެވެ.

ގްރޫޕް ސީގައި މެކްސިކޯ އާއި ޖަރުމަނު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ދެކުނު ކޮރެއާ ވަނީ ފިޖީ އަތުން 8-0 އިން މޮޅުވެފަ އެވެ. ގްރޫޕް ޑީގައި އަލްޖީރިއާ އަތުން 3-2 އިން ހޮންޑިއުރަސް މޮޅުވިއިރު، ޕޯޗުގަލް ވަނީ 2-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.