ރޮނާލްޑޯގެ ލަނޑުގެ އެކައުންޓް ރޭ ވެސް ހުޅުވޭ ގޮތެއް ނުވި

ޕާމާ (ސެޕްޓެމްބަރު 2) – ޕާމާ އަތުން 2-1 އިން މޮޅުވެ ޗެމްޕިއަން ޔުވެންޓަސް އިން އިޓާލިއަން ލީގުގައި ސައްތައިން ސައްތަ ރެކޯޑެއް ދެމެހެއްޓި ނަމަވެސް، އެ ޓީމުގެ އާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގޯލެއް ނުޖެހި ތިން ވަނަ މެޗު ނިންމާލައިފި އެވެ.


ރެއާލް މެޑްރިޑުން 100 މިލިއަން ޔޫރޯއަށް ޔުވެންޓަސްއާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑަށް އިޓަލީގެ ގިނަ ޓީމުތަކުގެ ޓެކްޓިކަލް ޑިފެންސިވް ގޭމުގެ ތެރެއިން ފުރޭނިގެން އަދި ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ލީގުގައި ވާދަކުރާ ޕާމާ ކޮޅަށް އެ ޓީމުގެ ދަނޑުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލް ޖެހީ ދެ ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗެވެ. އެކަމަކު އާސެނަލާއި ރޯމާގެ ކުރީގެ ފޯވާޑް ޖާވީނިއޯ ވަނީ 33 ވަނަ މިނެޓުގައި ޕާމާ އަށް އެއްވަރުކޮށްދީފަ އެވެ. ޔުވެންޓަސް މޮޅުވީ 58 ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ޖެހި ގޯލުންނެވެ.

ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަށް 26 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބޮލުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ރަނގަޅު ފުރުސަތެއް ގެއްލުނެވެ.

"ރޮނާލްޑޯ ރަނގަޅު ކުޅުމެއް ދެއްކި. އޭނާގެ މަސައްކަތާ މެދު އަހަރެން ހިތްހަމަޖެހޭ. އިންޓަނޭޝަނަލް ބްރޭކަށް ފަހު އޭނާ ގޯލް ޖަހާނެ. އެހާތަނަށް އަހަރެމެން އެންމެން ވެސް ތިބޭނީ ރަނގަޅު ފޯމުގައި،" ޔުވެންޓަސް އަށް ހުސްވުމަށްޓަކައި ޕޯޗުގަލް ދެ މެޗު ނުކުޅެން ނިންމާފައިވާ ރޮނާލްޑޯއާ ބެހޭގޮތުން ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ.

މި ފަހަރުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވޭ އިންޓަ މިލާނުން ވަނީ ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ. ބޮލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ތިން ގޯލް ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ލަނޑު ޖެހީ ރަޖާ ނައިންގޫލާނާއި އެންޓޯނިއޯ ކަންޑްރޭވާ އަދި އިވާން ޕެރިސިޗެވެ.

ފުރަތަމަ ތިން މެޗަށް ފަހު ނުވަ ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ އެއް ވަނައިގަ އެވެ. ހަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ނަޕޯލީން މިރޭ ރަށުން ބޭރުގައި ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. އިންޓަ އާއި ރޯމާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ އޭސީ މިލާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.