ޗެރިޓީ ޝީލްޑް މެޗު: މޮރީނިއޯގެ ރެކޯޑަކީ ކޮބާ؟

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވި މެޗުތަކުގައި ފާއިތުވި 10 އަހަރު އެންމެ ގިނައިން ފެނުނު އެއް ކޯޗަކީ ހޯސޭ މޮރީނިއޯ އެވެ. އޭނާ ވަނީ ޗެލްސީއާ އެކު، ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗާ ހަތަރު ފަހަރު ކުރިމަތިލައިފަ އެވެ. މިރޭ އޭނާ ޗެރިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނީ އޭނާގެ އާ ޓީމު މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެންނެވެ. ތިރީގައި އެވަނީ ޗެރިޓީ ޝީލްޑް މެޗުތަކުގައި މޮރީނިއޯ ކުރި ތަޖުރިބާތަކާއި ރެކޯޑްތަކެވެ.


2005 - އާސެނަލް 1-2 ޗެލްސީ

ޗެލްސީގެ ކޯޗުކަމާ 2004 ވަނަ އަހަރު ހަވާލުވުމަށް ފަހު މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގު ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި ޗެލްސީ ޝީލްޑް މެޗުގައި ނުކުތީ އާސެނަލާ ދެކޮޅަށެވެ.

ޑިޑިއޭ ޑްރޮގްބާގެ ދެ ލަނޑާ އެކު ޗެލްސީ އެ މެޗުން މޮޅުވީ 2-1 އިންނެވެ. މިއީ މިހާތަނަށް މޮރީނިއޯ އަށް ޝީލްޑް މެޗުން މޮޅުވެވުނު ހަމައެކަނި ފަހަރެވެ.

ޝީލްޑް މެޗުން މޮޅުވެ، މޮރީނިއޯ ވަނީ ލީގުގައި ފުރަތަމަ ކުޅުނު ނުވަ މެޗުން ވެސް މޮޅުވެފަ އެވެ. ޗެލްސީން އެ ފަހަރު ލީގު ދިފާއުކުރީ ދެ މެޗު ބާކީ އޮއްވަ އެވެ.

2006 - ލިވަޕޫލް 2-1 ޗެލްސީ

ޗެލްސީއާ އެކު މޮރީނިއޯ ދެ ވަނަ ފަހަރަށް ޝީލްޑް މެޗުގައި ނުކުތީ ލިވަޕޫލާ ދެކޮޅަށެވެ. އެ ފަހަރު ރެކޯޑް އަގަަކަށް ޗެލްސީއާ ގުޅުނު އޭސީ މިލާންގެ ފޯވާޑް އަންދްރޭ ޝެވްޗެންކޯ ލަނޑު ޖެހި ނަމަވެސް ޕީޓަ ކްރައުޗް ޖެހި ލަނޑުން ފަހު ވަގުތު ލިވަޕޫލް މޮޅުވީ 2-1 އިންނެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

އެ ފަހަރު ލީގުގައި ރަށުން ބޭރު ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވަނީ މިޑްލްސްބަރާ އަތުން ބަލިވެފަ އެވެ. ޗެލްސީ އެ ސީޒަނުގައި ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. ލީގު ހޯދީ ޔުނައިޓެޑެވެ.

2007 - ޔުނައިޓެޑް 1-1 ޗެލްސީ (ޕެނަލްޓީ: ޔުނައިޓެޑް 3-0 ޗެލްސީ)

ރަޔާން ގިގްސް ޔުނައިޓެޑަށް ލީޑު ނަގައިދީފައިވަނިކޮށް ޗެލްސީ އަށް އެއްވަރުކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ފްލޮރެން މަލޫޑާ އެވެ. މެޗުގެ އެއްވަރުވެގެން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޗެލްސީން ފޮނުވާލި އެއްވެސް ޕެނަލްޓީ އެއް ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ.

އެ ފަހަރު ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ބާމިންހަމް ސިޓީ އަތުން އުނދަގޫ މޮޅެއް ހޯދި ނަމަވެސް ޗެލްސީ އެ ސީޒަނުގައި ފެނުނީ އާދައިގެ ގޮތަކަށެވެ. ޖެހިޖެހިގެން ހަތަރު މެޗު މޮޅެއް ނުހޯދުމުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި މޮރީނިއޯ ވަނީ ޗެލްސީ ކޯޗުކަމުން ވަކިކޮށްފަ އެވެ. ޗެލްސީ ކޯޗުކަމާ އެ ފަހަރު ވަގުތީ ގޮތުން ހަވާލުވީ އަވްރަމް ގްރާންޓް އެވެ.

2015 - ޗެލްސީ 0-1 އާސެނަލް

އާސެން ވެންގާގެ ކޯޗުކަމުގައި އާސެނަލަށް ޗެލްސީ އަތުން ހޯދުނު ފުރަތަމަ މޮޅު ލިބުނީ މި މެޗުގަ އެވެ. ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބު ކޮށްދިނީ އަލެކްސް އޮކްސްލޭޑް ޗަމްބަލޭން އެވެ. މެޗަށް ފަހު މޮރީނިއޯ އާއި އާސެން ވެންގާ ސަލާމެއް ނުކުރެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ޓީމު ތެރޭގައި ގިނަ މައްސަލަތަކެއް ފެނުނެވެ. ޓީމުގެ ޑޮކްޓަރު އެވާ ކާނޭރޯ މަގާމުން ދުރުވިިއިިރު، ފުރަތަމަ ފަސް މެޗުގެ ތެރެއިން ތިން މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ. އަދި ކުޅުން ރަނގަޅު ނުވުމުގެ ނަތީޖާ އަކަށްވީ މިދިޔަ ޑިސެމްބަަރު މަހު މޮރީނިއޯ އަށް ވަޒީފާ ގެއްލުމެވެ. ޗެލްސީން މޮރީނިއޯ ވަކިކުރިއިރު، އެ ޓީމާ ރެލިގޭޝަން ޒޯނާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެވެ. އެހެންކަމުން ރެކޯޑްތަކަށް ބަލާއިރު ޝީލްޑް މެޗުން މޮރީނިއޯގެ ޓީމު ބަލިވެއްޖެ ނަމަ ލީގުގައި ނަތީޖާ ފެނިފައިވަނީ ދަށްކޮށެވެ.

"ލެސްޓާ އަކީ އާދައިގެ ޓީމެއް ކަމަށް މިހާރު ނުދެކެން"

މިރޭ ލެސްޓާއާ ދެކޮޅަށް ނުކުންނައިރު މޮރީނިއޯ ބުނީ އެ ޓީމަކީ އާދައިގެ ޓީމެއް ކަމަށް ނުދެކޭ ކަމަށާއި ބޭނުމީ ޔުނައިޓެޑާ އެކު ކާމިޔާބު ފެށުމެއް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

"ޔުނައިޓެޑަށް ފަރުޖައްސާ ނުލެވޭނެ ލީގު ހުޅުވާ މެޗުން ބަލިވެގެން. މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ 19 ޓީމު ލެސްޓާއާ މެދު އާދައިގެ ގޮތަކަށް ވިސްނައިގެން ތިއްބާ ފެނުނީ ލެސްޓާ ލީގު ހޯދިތަން. އެހެންވުމުން މި ފަހަރު އެބަޖެހޭ ސަމާލުވާން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޗެލްސީއާ އެކު ކުޅުނު ޝީލްޑް މެޗުތަކާ މެދު ނުވިސްނާ ކަމަށާއި ބޭނުމީ ޔުނައިޓެޑަށް ޝީލްޑް ހޯދައިދޭން ކަމަށެވެ.

މި މެޗުގައި ޔުނައިޓެޑްގެ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތުދޭން ބޭނުންވާ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރާ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.