ތަމްރީންތަކުގައި މަންޗިނީ ލަވަޖަހަނީ

ފްލޮރެންސް (ސެޕްޓެމްބަރު 6) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ރޮބާޓޯ މަންޗިނީ ތަމްރީންތަކުގައި އަޑުގަދަކޮށް ލަވަ ޖަހަން ފަށައި ތަމްރީންތަކަށް މުޅިން އާ ކަމެއް ތައާރަފްކޮށްފި އެވެ.


އިޓަލީން މިހާރު ތައްޔާރުވަމުން އަންނަނީ ޔުއެފާ ނެޝަނަލް ލީގުގައި މާދަމާރޭ ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗާއި ހޯމަ ދުވަހުގެރޭ ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ފްލޮރެންސްގައި ކުރިއަށްދާ ތަމްރީންތަކުގައި މަންޗިނީ ލަވަ ޖަހަނީ ދަނޑުމެދުގައި ސްޕީކަރެއް ބަހައްޓައިގެންނެވެ. ބޭނުމަކީ ކުޅުންތެރިންގެ ހިތްހަމަޖައްސައި، ޓްރެއިނިން ވީހާ ވެސް އަރާމުކޮށް ގެންދިއުމެވެ. އިޓަލީ މީޑިއާތަކުން ބުނާ ގޮތުގައި މިއީ މަންޗިނީ އިނގިރޭސި ވިލާތުގައި މަސައްކަތްކުރި ދުވަސްވަރު ތަޖުރިބާކުރިކަމެކެވެ. އޭނާ ވަނީ އިނގިރޭސި ލީގުގެ މެންޗެސްޓާ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

މަންޗިނީ ހާއްސަ ޕްލޭލިސްޓެއް ގެންއުޅެ އެވެ. އޭގެ ތެރޭގައި ރޮބީ ވިލިއަމްސް، ޕިންކް ފްލޮއިޑް، ބޮން ޖޮވީ، ކުއީން، އޭސީ/ޑީސީ، ދަ ރޯލިން ސްޓޯންސް އަދި ކޯލްޑްޕްލޭ އާއި މެރޫން ފައިވްގެ ލަވަތައް ހިމެނެ އެވެ.

އިޓަލީ ފާހަގަކުރެވެނީ ވަރަށް ސީރިއަސް ތަމްރީންތަކެއް ކުރިއަށްގެންދާ ގައުމެއްގެ ގޮތުގަ އެވެ. އިޓަލީގައި މުޅި ކެރިއަރު ހޭދަކުރުމަށް ފަހު ދާދި ފަހުން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ޖިއަންލުއިޖީ ބުފޮން ބުނީ އިޓަލީ އަށް ވުރެ ފްރާންސްގައި ސްޓްރެސްކުޑަ ކަމަށެވެ.

ބުފޮން ނެތި އިޓަލީން ރަސްމީ ފުރަތަމަ މުބާރާތާ މާދަމާރޭ ކުރިމަތިލާނެ އެވެ. ކޯޗު މަންޗިނީގެ ޒިންމާއަކީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ފޫހިވެފައި ތިބި ސަޕޯޓަރުންގެ ލޯބި އަލުން ގައުމީ ޓީމަށް ހޯދައިދިނުމެވެ.

އިޓަލީ ޓީމު ވަރަށް ބޮޑަށް ޒުވާންވެފައިވާއިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ސެންޓްރަލް ޑިފެންޑަރު ޖިއޯޖިއޯ ޗިއެލީނީ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޑިފެންސް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ކެޕްޓަން، ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އާއި އޭސީ މިލާނުގެ އަލެސިއޯ ރޮމަނޮލީ އެވެ. ބުފޮން ނެތުމުން ކީޕަރުގެ ޒިންމާ ނަގާނީ އުމުރުން 19 އަހަރުގެ ޖިއަންލުއިޖީ ޑޮންމަރުއްމާ އެވެ. ފޯވާޑް ލައިން ލީޑުކުރާނެ ކަމަށް ލަފާކުރެވެނީ މަންޗިނީގެ ކޯޗުކަމުގެ ދަށުން މެންޗެސްޓާ ސިޓީ އަށް ކުޅުނު މާރިއޯ ބަލޮޓެލީ އެވެ. ދުވަސްތަކަށް ފަހު ބަލޮޓެލީ އިޓަލީ ޓީމަށް ގެނައީ ވެސް މަންޗިނީ ހަވާލުވެގެންނެވެ.