ޕަލާމޯ (ސެޕްޓެމްބަރު 13) – ޔުވެންޓަސްގެ ހުނަރުވެރި ފޯވާޑް ޕައޮލޯ ޑީބަލާ ޖެނުއަރީ މަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް ޑީބަލާ ކުރިން ކުޅުނު ޕަލާމޯގެ ވެރިޔާ މައުރީޒިއޯ ޒަމްޕަރިނީ ބުނެފި އެވެ.
ޕަލާމޯ އިން 2015 ވަނަ އަހަރުގެ ޖޫން މަހު ޑީބަލާ ޔުވެންޓަސް އަށް ވިއްކާލީ 32 މިލިއަން ޔޫރޯ އަށެވެ. އޭރު ވެސް އަދި ފަހުން މިހާރު ޑީބަލާ ދައްކާ ކުޅުމާ އެކު އޭނާ ގެންދަން ވަރަށް ގިނަ ކްލަބްތަކުން ބޭނުންވެ އެވެ.
މި ސީޒަނުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައިން ޑީބަލާ އަށް ކޯޗު މަސިމިލިއާނޯ އެލެގްރީ ފުރުސަތު ނުދެ އެވެ. ޒަމްޕަރިނީ ބުނީ ޑީބަލާ ބެންޗުގައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު ދެރަވެ ހިތާމަކުރާ ކަމަށެވެ.
"އޭނާ ބެންޗުގައި އެ ހުންނަނީ އެލެގްރީގެ ސަބަބުން. އެލެގްރީ އެބަޖެހޭ ޕަލާމޯ އަށް އައިސް ލީގު ކާމިޔާބުކޮށްދޭން. އެއީ ޔުވެންޓަސްގައި ހުރެ މޮޅު މީހަކަށް ވުމަކީ ފަސޭހަކަމެއް،" އެލެގްރީ އަށް ބަހުގެ ހަމަލާއެއް ފޮނުވާލި އެވެ.
ޒަމްޕަރިނީ ބުނީ މީގެ ދެ އަހަރު ކުރިން ޑީބަލާ އަށް ސްޕެއިނަށް ދިއުމަށް ނަސޭހަތް ދިނިން ކަމަށާއި މި ފަހަރު އޭނާ ބަދަލުވާނެ ކަމަށެވެ.
"އޭނާ ދާނެ. ސަބަބަކީ ޔުވެންޓަސް އެބަ ބޭނުންވޭ 120 މިލިއަން ޔޫރޯ. އަހަންނަށް ހީވާ ގޮތުގައި ޖެނުއަރީ މަހު އޭނާ ސްޕެއިނަށް ބަދަލުވާނެ. އޭނާ އަށް ސްޕެއިނާއި އިންގްލެންޑުން އޮފާތަކެއް އެބަހުރި،" ޒަމްޕަރިނީ ބުންޏެވެ.
އޭނާ ބުނީ ޔުވެންޓަސްގައި މޮޅު އެތައް ކުޅުންތެރިން ތިބުމުން އެންމެންނަށް ކުޅެން ދަތިވާނެ ކަމަށާއި އެކަމަކު ޑީބަލާ ފަދަ ހުނަރުވެރިއަކު ނުކުޅެ ހުންނަތަން ފެނުމަކީ ދެރަވާން ޖެހޭ ސަބަބެއް ކަމަށެވެ.