ކެޕްޓަންގެ މަގާމުގައި ލޮރިސް ދެމި ހުންނާނެ: ޕޮޗެޓީނޯ

ލަންޑަން (ސެޕްޓެމްބަރު 14) – ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލްކީޕަރު ހޫގޯ ލޮރިސްގެ ފަލަމަސްގަނޑަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ދުވަސްތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި އަދި މަސްތުވެގެން ހުރެ ކާރު ދުއްވި މައްސަލަ ސާބިތުވި ނަމަވެސް އޭނާ އަތުން ކެޕްޓަންކަން ނުނަގާނެ ކަމަށް ކްލަބުން ބުނެފި އެވެ.


އުމުރުން 31 އަހަރުގެ ކީޕަރަށް އަނިޔާގެ ސަބަބުން، މި މަހުގެ 2 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗާއި އިންޓަނޭޝަނަލް ބްރޭކުގައި ފްރާންސް ކުޅުނު ދެ މެޗުގައި ބައިވެރިނުވެވުނެވެ.

އޭގެ ފަހުން މަސްތުގެ ހާލުގައި ހުރެ ކާރު ދުއްވި ކަމަށް އެއްބަސްވުމުން ބުދަ ދުވަހު އޭނާ ވަނީ 50،000 ޕައުންޑުން ޖޫރިމަނާކޮށް 20 މަސް ދުވަހަށް ކާރު ދުއްވުން މަނާކޮށްފަ އެވެ.

"އޭނާ ބުނީ މައާފަށް އެދެމޭ އަދި ހެދުނު ގޯސްތައް ގަބޫލުކުރޭ،" ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ. "ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ. އޭނާ ވެސް ގޯސް ހެދީ އަދި އެކަމުގެ އަދަބު އެ އަންނަނީ ލިބެމުން. މިއީ އެންމެންނަށް ލިބުނު ބޮޑު ފިލާވަޅެއް. އޭނާ އެ ގޯސް ހެދުމުން އެންމެ ފުރަތަމަ އަހަންނަށް އެކަން އެންގީ ވެސް އޭނާ."

ފްރާންސާ އެކު މި އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ކެޕްޓަންގެ މަގާމުގައި ދެމި ހުންނާނެތޯ އެހުމުން ޕޮޗެޓީނޯ ބުނީ "ކަށަވަރު" ކަމަށެވެ.

ޕްރިމިއާ ލީގުގައި މާދަމާ ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުގައި ލޮރިސްގެ އިތުރުން ޑެލޭ އަލީ އަށް ވެސް ނުކުޅެވޭނެ އެވެ. ސްޕެއިން އަތުން 2-1 އިން އިންގްލެންޑް ބަލިވި މެޗުގައި އަލީ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ވެސް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.

"ލޮރިސް ވަރަށް އަވަހަށް ސްކޭނެއް ހަދަނެ އޭނާގެ އަނިޔާގެ އިތުރު ތަފްސީލް ބެލުމަށް. އުއްމީދުކުރަނީ މައްސަލައެއް ދިމާނުވެ އަލީ ފަދައިން ވަރަށް އަވަހަށް ކުޅެވޭނެ ކަމަށް،" ޕޮޗެޓީނޯ ބުންޏެވެ.

ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ލިވަޕޫލާއި ނުވަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްގެ މެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގަ އެވެ.