ބާސާ އަށް މޮޅެއް، ވާދަވެރި ދެ ޓީމަށް ޕޮއިންޓެއް

ބާސެލޯނާ (ސެޕްޓެމްބަރު 16) – ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން ފަހަތުން އަރައި 2-1 އިން ބާސެލޯނާ މޮޅުވެ ސައްތައިން ސައްތަ ރެކޯޑް ދެމެހެއްޓި އިރު ވާދަވެރި ދެ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.


ހަތަރު މެޗުން ހޯދި ހަތަރު ވަނަ މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ރޭ އެތުލެޓިކް ކްލަބާ 1-1 އިން އެއްވަރުވި ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. އަދި ރޭ އެއީބާއާ 1-1 އިން އެއްވަރުވި އެތުލެޓިކޯ މެޑްރިޑް އޮތީ ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައިފަ އެވެ. ބާސެލޯނާ އަށް 63 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ލުއިސް ސުއަރޭޒެވެ. އޭގެ ތިން މިނެޓު ފަހުން ލީޑު ނަގައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔައިރު ދެ ވަނަ ހާފުގައި ވެސް ސޮސިއެޑާޑަށް ތަފާތު ބޮޑުކުރަން ފުރުސަތު ލިބުނެވެ.

އެތުލެޓިކް ކްލަބުގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ 32 ވަނަ މިނެޓުގައި މުނިއައިންގެ ގޯލުން އެތުލެޓިކް ކްލަބް ގޯލް ޖެހި އެވެ. މެޗުގެ 63 ވަނަ މިނެޓުގައި މެޑްރިޑް ސަލާމަތްކޮށްދިނީ ބަދަލު ކުޅުންތެރިޔާ އިސްކޯ އެވެ. އޭނާ ކުޅެން އެރިތާ ތިން މިނެޓު ވެސް ނުވަނީސް މި ގޯލް ޖެހީ ގަރެތު ބޭލްގެ ހުރަހަކުންނެވެ.

އެތުލެޓިކޯ މެޑްރިޑާއި އެއިބާ ރޭ ކުޅުނު މެޗުގެ ދެ ގޯލް ވެސް ފެނިގެން ދިޔައީ ފަހު ވަގުތު އެވެ. އެތުލެޓިކޯގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 87 ވަނަ މިނެޓުގައި އެއިބާގެ ސާގެއީ އެންރިޗް ގޯލް ޖެހުމުން އެ ޓީމު މޮޅުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު 90 ވަނަ މިނެޓުގައި ބޯޖާ ގަރްސެސް ވަނީ އެތުލެޓިކޯ އަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.