މެސީ އަށް ހެޓްރިކެއް، ލިވަޕޫލް ފަހު ވަގުތު މޮޅުވެއްޖެ

ބާސެލޯނާ (ސެޕްޓެމްބަރު 19) - އާ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު ބާސެލޯނާ އިން 4-0 އިން ޕީއެސްވީ އެއިންދްހޯވަން ބަލިކުރިއިރު، ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަތުން ފަހު ވަގުތު 3-2 އިން ލިވަޕޫލް މޮޅުވެއްޖެ އެވެ.


ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ 31 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑު ލިބުނީ މެސީ ޖެހި ހިލޭޖެހުމަކުންނެވެ. ބާސެލޯނާ އިން ފަހު ތިން ލަނޑު ޖެހީ މެޗުގެ ފަހު 20 ވަނަ މިނިޓް ތެރޭގަ އެވެ. ލީޑުފުޅާކޮށްދިން ލަނޑު ޖެހީ އޮސްމޭނާ ޑެމްބެލޭ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުންނެވެ.

އޭގެ ތިން މިނިޓް ފަހުން ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ މެސީ އެވެ. ބާސެލޯނާ އިން މެޗުގެ ފަހު 11 މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ފަހަތަށް ކުޅޭ ފްރާންސްގެ ސެމިއުލް އުމްޓީޓީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ބާސެލޯނާގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެސީ އެވެ. މިއީ އޭނަ ޔޫރަޕްގައި ހެދި އަށް ވަނަ ހެޓްރިކެވެ. މިއީ ރެކޯޑެކެވެ.

މިދިޔަ ތިން އަހަރު ވެސް ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ނުލިބި ބާސެލޯނާ ކެޓުމުން މި ސީޒަނުގައި އެ ޓީމުން އެންމެ ބޮޑަށް ޓާގެޓްކުރާ މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

ލިވަޕޫލްގެ ސަލާހު (ވ) ކައިރިން ޕީއެސްޖީގެ ނޭމާ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

މި ގްރޫޕުގެ އަނެއް މެޗުގައި އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކޮށްފަ އެވެ. ކްރިސްޓިއަން އެރިކްސެންގެ ގޯލުން ޓޮޓެންހަމް ލީޑުނެގިއިރު، އިންޓަ އިން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހަތް މިނިޓް ތެރޭގަ އެވެ. އިންޓަ ކެޕްޓަން މައުރޯ އިކާޑީ މެޗުގެ 85 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިންއިރު، އިތުރު ވަގުތުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މަޓިއަސް ވެޝީނޯ އެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ގަދަބާރު ޕީއެސްޖީގެ މައްޗަށް ކުރިހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ޑެނިއަލް ސްޓަރިޖް ބޮލުން ޖެހި ގޯލުންނާއި ޖޭމްސް މިލްނާގެ ލަނޑުން ލިވަޕޫލް ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީ އަށް އުއްމީދެއް ލިބުނީ ބެލްޖިއަމްގެ ފުލްބެކް ތޯމަސް މުނިއޭ ޖެހި ގޯލުންނެވެ.

މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކީލިއަން އެމްބާޕޭ ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ފިރްމީނޯ ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ސާބިއާގެ ރެޑްސްޓާ ވަނީ ލަނޑެއް ނުޖެހި ނަޕޯލީއާ އެއްވަރުވެފަ އެވެެ. ފްރާންސްގެ މޮނާކޯ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ 2-1 އިން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ.