މޮރީނިއޯ ޖަރުމަނުގައި ފެއިލްވާނެ: މަތިއަސް

ބާލިން، ޖަރުމަން (ސެޕްޓެމްބަރު 21) - ޖަރުމަނު ލީގަކީ އެޓޭކިން ފުޓްބޯޅައިގެ ލީގެއް ކަމަށާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ގައުމުގައި ފެއިލްވާނެ ކަމަށް ކުރީގެ ކުޅުންތެރިޔާ ލޯތާ މަތިއަސް ބުނެފި އެވެ.


މޮރީނިއޯ ވަނީ ޔޫރަޕްގެ ނަން މަޝްހޫރު ހަތަރު ގައުމެއްގައި ކާމިޔާބު ހޯދައިފަ އެވެ. އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ބާސެލޯނާގައި މަސައްކަތް ކުރުމަށް ފަހު މޮރީނިއޯގެ ވިދުން ގަދަވީ ޕޯޓޯއާ އެކު އޭނާ 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދި ފަހުންނެވެ. އޭގެ ފަހުން މޮރީނިއޯ ވަނީ އިންގްލެންޑްގެ ޗެލްސީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަ މިލާނުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

"ކުރިން މޮރީނިއޯ އަކީ މޮޅު ކޯޗެއް. އެކަމަކު މިހާރު އެޔެއް ނުފެނޭ. އޭނާގެ ފަރާތުން ކުރިން ފެނުނު ތަފާތު ނުފެނުނު. އަހަރެންގެ ނަޒަރުގައި މިހާރު މޮރީނިއޯ ޖަރުމަނު ލީގަށް ގޮސްފިނަމަ އޭނަ ފެއިލްވާނެ. އެއީ ޖަރުމަނު ލީގަކީ އެޓޭކިން ފުޓްބޯޅައިގެ ލީގެއް. މޮރީނިއޯ ފުރަތަމަ ވިސްނާނީ ޑިފެންސަށް،" ބަޔާން އާއި އިންޓަ އަށް ކުރިން ކުޅުނު ފޯވާޑް ޖަރުމަނުގެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ބުންޏެވެ.

ޔުނައިޓެޑާ ހަވާލުވި ފަހުން މޮރީނިއޯ އަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންނާއި މީޑިއާ އިންނެވެ. މަތިއަސް ބުނީ އެއީ މޮރީނިއޯ ބޭނުންވާ ގޮތް ކަމަށެވެ.

ސްކައިސްޕޯޓްސްގެ ޝޯއެއްގެ ތެރެއިން މަތިއަސް ވާހަކަދައްކަނީ. -- ފޮޓޯ: ސްކައިސްޕޯޓްސް

"ވަރަށް ގިނައިން ފެންނާނެ. މޮރީނިއޯ މީޑިއާގެ ޒަރިއްޔާއިން އޭނާ މެސެޖެއް ދޭން ބޭނުމިއްޔާ އެންމެންގެ ސަމާލުކަން ހޯދަން ވަރަށް ވާހަކަ ދައްކާނެ. އެއީ އޭނާ ސިކުނޑިން ކުޅެ ގޭމެއް. އެއީ ވެސް މޮޅުވާން އޭނާ ކުރާ މަސައްކަތް. އެކަމަކު ޖަރުމަނުގައި މީޑިއާ އޮންނަނީ އެ އަށް ވުރެން ބަދަހިކޮށް ކޯޗުންނަށް ވުރެން ބޮޑަށް ޖަރުމަނުގައި ފޯކަސް ކުރާނީ ކުޅުންތެރިންނަށް،" މަތިއަސް ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ކާމިޔާބު ހޯދަން ބޭނުންނަމަ އެ ޓީމުގެ ފަހަތް ރަނގަޅުކުރަން ޖެހޭ ކަމަށް މަތިއަސް ވަނީ ބުނެފަ އެވެ. އަދި އެކަން ކުރަން މޮރީނިއޯ އަށް އިތުބާރުކުރެވޭ ފެންވަރު ރަނގަޅު ޑިފެންޑަރެއް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ގެންނަން ޖެހޭ ކަމަށް ބުންޏެވެ.