ރޮނާލްޑޯ އާއި މެސީ އަށް ސުކާގެ ބަހުގެ ހަމަލާއެއް

ލަންޑަން (ސެޕްޓެމްބަރު 25) - ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ފީފާގެ އެވޯޑް ހަފްލާ އަށް ހާޒިރުވެފައިނުވާތީ އެ ދެ ކުޅުންތެރިންނަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަދި ކުރީގެ ކުޅުންތެރިއާ ޑާވޯ ސުކާ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.


މި ފަހަރުގެ މޮޅު ކުޅުންތެރިއަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް އެވެ. މިއީ މިދިޔަ 10 އަހަރު ތެރޭ ފީފާ ޝާމިލުވެ އޮވެ ދޭ އެވޯޑެއްގައި ރޮނާލްޑޯ ނޫނީ މެސީ ނޫން ކުޅުންތެރިއަކަށް މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.

ލަންޑަންގައި ރޭ އޮތް އެވޯޑް ހަފްލާގެ ދައުވަތު މެސީ ގަބޫލުކުރި ކަމަށް އިއްޔެ ސްޕެއިން މީޑިއާ ތަކުގައި އަޑުފެތުރުނެވެ. އެކަމަކު މެސީ ވެސް ފަހު ވަގުތު އެ ހަފްލާ އަށް ހާޒިރުނުވެ އެވެ. މޮޅު ތިން ކުޅުންތެރިންގެ ނޮމިނޭޝަނުގައި މެސީގެ ނަން ނުހިމެނެ އެވެ. މިއީ މިދިޔަ 12 އަހަރު ތެރޭގައި ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި މެސީގެ ނަން ނެތް ފުރަތަމަ ފަހަރެވެ. މެސީގެ ގޯލެއް އެންމެ މޮޅު ގޯލުގެ ތެރޭގައި ނޮމިނޭޓްވިއިރު، އޭނާ ވަނީ ޑްރީމް ޓީމުގައި ހިމެނިފަ އެވެ.

ކްރޮއޭޝިއާގެ އެފްއޭ ރައީސް ސުކާ (ކ) އާއި އެ ޓީމުގެ ކެޕްޓަން މޮޑްރިޗް. --- ފޮޓޯ: ގެޓީއިމޭޖަސް

ދާދި ފަހުން ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ދިން ހަފްލާ އަށް ވެސް ރޮނާލްޑޯ ހާޒިރުނުވެ އެވެ. ރޭ ފީފާ އެވޯޑަށް ރޮނާލްޑޯ ހާޒިރުނުވިއިރު، އޭނާ އަކީ ދެ ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު ކުޅުންތެރިއާ އެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މޮޑްރިޗް އަށް އެ މަގާމު ލިބުމުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ރޭގެ އެވޯޑް ހަފްލާ އަށް ފަހު ކްރޮއޭޝިއާގެ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސުކާ ވަނީ ނުސީދާ ގޮތަކަށް ރޮނާލްޑޯ އާއި މެސީ އަށް ފާޑުކިޔައިފަ އެވެ.

"މި އުފާވެރި ރޭގެ މި ވަގުތުކޮޅުގައި ގޯސް ވާހަކަތަކެއް އަހަރެން ނުދައްކާނަން. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަހަރެން ބުނަން ޖެހޭ ވާހަކަތައް ދައްކާނަން. ދިރިއުޅުމުގައި އަބަދަކު ނުލިބޭނެ އުފަލެއް. ބައެއް ފަހަރު ޖެހޭނެ އެހެން މީހުންގެ އުފަލުގައި ވެސް ބައިވެރިވާން،" ރޮނާލްޑޯ އާއި މެސީ އެވޯޑް ހަފުލާ އަށް ހާޒިރުނުވުމާ ބެހޭގޮތުން ސުކާ ބުންޏެވެ.

އޭނާ ވިދާޅުވީ މޮޑްރިޗްގެ މި ކާމިޔާބީ އަކީ ކްރޮއޭޝިއާގެ ގިނަ ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށާއި ވޯލްޑް ކަޕް ފައިނަލުން ބަލިވުމުގެ މާޔޫސްކަމުން އަރައިގަންނަން ލިބިގެންދިޔަ އުފަލެއް ކަމުގައި އޭނާ ގަބޫލުކުރެ އެވެ.