އުމްޓިޓީގެ އަނިޔާ ސީރިއަސް އެއް ނޫން؟

ބާސެލޯނާ (ސެޕްޓެމްބަރު 29) – ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓީޓީގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސްނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.


ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި އުމްޓިޓީ އަށް ބައިވެރިނުވެވުނީ ވާތު ކަކުލަށް އަނިޔާވުމުން ކަމަށް ކްލަބުން ބުންޏެވެ. ސްޕެއިނުގެ ރިޕޯޓްތައް ބުނި ގޮތުގައި އޭނާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމަށެވެ.

އެކަމަކު ވަލްވާޑޭ ވަނީ ލީގުގައި އަންނަ އާދީއްތަ ދުވަހު ވެލެންސިއާއާ ދެކޮޅަށް އޭނާ އަށް ކުޅެވިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ވަނީ ސަސްޕެންޑް ވެފަ އެވެ.

"އޭނާގެ ކަކުލުގައި އުނދަގޫތަކެއް އެބައުޅޭ. އޭނާ އަށް ބުދަ ދުވަހު (ޓޮޓެންހަމްއާ) ދެކޮޅަށް ކޮންމެ ގޮތެއް ވިޔަސް ނުކުޅެވޭނެ. ޖެހިގެން އަންނަ މެޗަށް (ވެލެންސިއާ) ބަލާނަން. ވަރަށް އަވަހަށް އޭނާ އަންނާނެ ކަމަށް މި ބަލަނީ،" އޭނާ ބުންޏެވެ.