މޮރީނިއޯ އަށް ޕްރެޝަރު، ޔުނައިޓެޑުން ޒިދާނަށް ފާރަލަނީ

މެންޗެސްޓާ (އޮކްޓޫބަރު 1) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ހޯސޭ މޮރީނިއޯ ބެހެއްޓުމާ މެދު ގޮތެއް ނިންމަން އަންނަ ހަފްތާގައި ޔުނައިޓެޑުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފައިވާއިރު، އެ ޓީމުން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާނާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ފަހަރުގެ ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު، މިއީ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމުގެ ނަތީޖާ ލީގުގެ ފުރަތަމަ ހަތް މެޗުގައި މިހާ ދަށްވި ދެ ވަނަ ފަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އާއި ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާއާ ދެމެދު މައްސަލަތަކެއް ޖެހުމުގެ ސަބަބުން ޓީމުގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިއާ ގެެރީ ނެވިލް ސްކައިސްޕޯޓްސްގެ ޝޯއެއްގައި ވަނީ ޔުނައިޓެޑް ތެރޭގައި ބައިބައިވުން މިހާ ބޮޑުވެފައި އޮއްވައި މީގެ ކުރިން ނުދެކޭ ކަމަށެވެ. އަދި މިހާރު މީގެ ޒިންމާ ނަގަންޖެހޭނީ ކްލަބް ހިންގަން ތިބި މީހުން ކަމަށް ބުންޏެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާ ތެރޭގައި ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ ޕެރިހުގައި ޒިދާނާ ބައްދަލުކޮށްފަ އެވެ. ވުޑްވާޑް އެކަން ދޮގުކުރި ނަމަވެސް ޔުނައިޓެޑުން ވަނީ މީގެ ކުރިން އެ ޓީމުގެ ކޯޗުކަމުގައި ލުއީ ވެން ހާލް ހުރިއިރު މޮރީނިއޯ ގެންނަން އޭނާއާ މަޝްވަރާކުރި ކަމަށް ވެސް ދެކޮޅު ހަދައިފަ އެވެ.

މިދިޔަ މެއި މަހު ރެއާލަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިން ޒިދާން މިހާރު ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެކަމަކު ވަރަށް އަވަހަށް ކޯޗިން އަށް އެނބުރި އަންނާނެ ކަމަށް މީޑިއާގައި އޭނާ ވަނީ ބުނެފަ އެވެ.

ފާއިތު ހަފްތާގައި ޔުނައިޓެޑުގެ ބޯޑުގެ ބައްދަލުވުމެއްގައި މޮރީނިއޯ އަށް އިތުބާރު އޮތްކަމަށް ފާސްކުރި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ލީގުގެ 17 ވަނައިގައި އޭރު އޮތް ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވުމުން އެ ޓީމު ވަނީ ލީގުގެ 10 ވަނަ އަށް ވެއްޓިފަ އެވެ.

މި ފަހަރުގެ ސީޒަން ފެއްޓުމުގެ ކުރިން މޮރީނިއޯ ބޭނުންވާ ކުޅުންތެރިން އެ ޓީމަށް ނުހޯދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަހަރު މޮރީނިއޯ އާއި ވައިސް ޗެއާމަން ވުޑްވާޑާ މައްސަލަތަކެއް ޖެހުނުއިރު، އޭގެ ފަހުން އެ ދެ މީހުންގެ ގުޅުން ވެސް އެންމެ ރަނގަޅެއް ނޫނެވެ.

ޔުނައިޓެޑް ދެން ކުޅޭ މެޗުގައި އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ބޯޑު މެމްބަރުންގެ ބައްދަލުވުން ތާވަލްކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.