ޒިންމާ ނަގަން ޖެހޭނީ ކްލަބްގެ އެންމެން: މޮރީނިއޯ

މެންޗެސްޓާ (އޮކްޓޫބަރު 2) - މެންޗެސްޓާ ޔުނައިޓެޑަށް ދިމާވަމުން އަންނަ މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އެއް ބަޔެއް ނޫން ކަމަށާއި ކްލަބްގެ އެކި މަގާމުތަކުގައި ތިބި އެންމެން ވެސް ނަގަން ޖެހޭނެ ކަމަށް ބުނެ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑަށް ނުސީދާ ގޮތަކަށް ފާޑުކިޔައިފި އެވެ.


މި ސީޒަން ފެށުމުގެ ކުރިން މޮރީނިއޯ ބޭނުންވާ ކުޅުންތެރިން އެ ޓީމަށް ނުހޯދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރިއިރު، އޭނާއާ އެ ކްލަބްގެ ވައިސް ޗެއާމަން ވުޑްވާޑާ މައްސަލަތަކެއް ޖެހުނެވެ. ރިޕޯޓްތައް ބުނާގޮތުން އޭގެ ފަހުން އެ ދެ މީހުންގެ ގުޅުން ވެސް އެންމެ ރަނގަޅެއް ނޫނެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑަށް މިހާރު ދިމާވެފައިވާ ކަންތައްތަކާ ބެހޭގޮތުން މޮރީނިއޯ އަށް ގިނަ ސުވާލުތަކެއް ކުރިމަތިވި އެވެ.

"ހުރިހާ ކަމެއްގެ ޒިންމާ ކުޅުންތެރިން ނަގަން ވެސް ނުޖެހޭ. އަހަރެންގެ ވެސް ރޯލެއް އޮންނަހެން ކުޅުންތެރިންގެ ރޯލެއް ވެސް އޮންނާނެ ވަކި ކަންކަމުގައި. އެކަމަކު ދިމާވާ ހުރިހާ ކަމެއްގެ ޒިންމާ އެއް ބަޔެއްގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން. މި ކްލަބްގެ ކޮންމެ މަގާމެއްގައި ތިބި މީހުން ވެސް މި ޒިންމާ ނަގަން ޖެހޭނެ،" ފާޑުކިޔުންތަކަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަށް މޮރީނިއޯ ޖަވާބު ދިނެވެ.

"އަދިވެސް ކްލަބަށް ރަނގަޅު ގޮތް އެދޭ މީހުން އެބަތިބި. މޮޅުވާން ބޭނުންވާ ކުޅުންތެރިން ވެސް އެބަތިބި. އަހަރެން މިހުރީ ކްލަބް ކުރިއަށްގެންދަން."

މޮރީނިއޯ ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާގައި ދައްކާ ވާހަކަތަކަށް ވެސް ޖަވާބު ދީފަ އެވެ. އަދި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށް މޮރީނިއޯ އަށް ފޯނުން ގުޅައިގެން ޒިނެދިން ޒިދާން ވާހަކަ ދެއްކިކަން އޮޅުން ފިލުވަން ޖެހޭނީ އެ ހަބަރު ލިޔުނު ނޫސްވެރިއާ ކަމަށް ވެސް ބުންޏެވެ.

"އަހަންނަށް ޒިދާން ގުޅިކަމަށް ބުނެ އެ ހަބަރު ލިޔުނު ނޫސްވެރިއާއާ ސުވާލުކުރަން ޖެހޭނީ. އެއީ އަހަންނަށް އެނގޭ ކަމެއް ނޫން. ފަހަރުގައި ވެދާނެ އެ ނޫސްވެރިއާ އުޅެނީ އަހަރެންގެ ފޯނު ބަގްކޮށްގެން ކަމަށް. އެންމެން އެ ސުވާލުތައް ކުރަންވީ އެ ނޫސްވެރިއާއާ. ތިއީ އަހަރެން ޖަވާބުދޭން ޖެހޭނެ ސުވާލުތަކެއް ނޫން. ކުރިއަށް އޮތީ މުހިއްމު މެޗެއް،" ކުރިން ޗެލްސީ އާއި ރެއާލަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ކްލަބްގެ ހާލަތު ރަނގަޅުކުރެވޭނީ އެންމެން އެކުގައި ތިބެގެން ކަމަށާއި އުއްމީދުކުރަނީ ރަނގަޅު ނަތީޖާތަކެއް ނެރެގެން ކްލަބްގެ މިސްރާބު ބަދަލުކުރެވޭނެ ކަމަށް ކަމަށެވެ.

ޔުނައިޓެޑާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.