މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޫބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި ލިއޮނަލް މެސީ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ބާސެލޯނާ އިން 4-2 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.


މި ގްރޫޕުގައި ބާސެލޯނާ އަށް އެންމެ އުނދަގޫވާނެ މެޗެއްގެ ގޮތުގައި ބެލެވުނީ ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗެވެ. ޓޮޓެންހަމް އަތުން ރޭ ބާސެލޯނާ މޮޅުވިއިރު މެސީ ވަނީ ޖުމްލަކޮށް މުޅި މެޗުގައި ވެސް ތަފާތު ދައްކައިފަ އެވެ. މެސީ ދެ ލަނޑު ޖެހިއިރު ބާސެލޯނާ އިން ޖެހި އަނެއް ދެ ލަނޑުގެ އެޓޭކް އުފެއްދުމުގައި އޭނާގެ ދައުރު ބޮޑެވެ.

ބާސެލޯނާ ގްރޫޕުގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ރޭ މި ގްރޫޕުގެ އަނެއް މެޗުން ފަހަތުން އަރައި ޕީއެސްވީ އެއިންދޯވަން 2-1 އިން ބަލިކޮށް އިންޓަ މިލާން ވެސް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް އާއި ހަތަރު ވަނައިގައި އޮތް ޕިއެސްވީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ހެދި ގޯހެއްގެ ފައިދާ ނަގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ކުރިން ލިވަޕޫލަށް ކުޅުނު މިޑްފީލްޑަރު ފިިލިއްޕޭ ކުޓީނިއޯ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ އޭރިއާ ބޭރުން ޖެހި ޝޮޓަކުން އިވާން ރަކިޓިޗް އެެެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ހެރީ ކޭން ވަނީ ޓޮޓެންހަމަށް ގޯލެއް ޖަހައިދީ މެޗުގެ އުއްމީދު އާ ކޮށްދީފަ އެވެ. އެހެން ނަަމަވެސް އޭގެ ހަތަރު މިނިޓް ފަހުން މެސީގެ ލަނޑަކާ އެކު ބާސެލޯނާ އިން އަލުން ދެ ލަނޑުގެ ލީޑު ނެގި އެވެ. ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގައި އެރިކް ލަމޭލާ އެވެ. ބާސެލޯނާ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުވީ އިތުރު ވަގުތުގައި މެސީ ޖެހި ގޯލުންނެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މި މެޗުގައި ބާސެލޯނާގެ ތަރިން ދެއްކި ތަފާތު ފާހަގަކޮށްފަ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރީ މެސީގެ ނަމެވެ.

"އޭނަ (މެސީ) ފެނުނީ ހުރިހާ ކަމެއްގައި ވެސް ބައިވެރިވިތަން. މުޅި ޓީމު ހިންގުމުގައި އޭނަ ތަފާތު ދެއްކި،" އާޖެންޓީނާ ގައުމީ ޓީމަށް ކުރިން ކުޅުނު ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްވީ ދަނޑުގައި އެ ޓީމުން ލީޑުނެގީ އޭރިއާ ބޭރުން ޕަބްލޯ ރޮސާރިއޯ ކާމިޔާބުކުރި ގޯލަކުންނެވެ. އިންޓަ އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ ރަޖާ ނައިންގޯލާން އެވެ. ދެ ވަނަ ހާފުގައި އިންޓަ މޮޅުކޮށްދިން ލަނޑު ޖެހީ މައުރޯ އިކާޑީ އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ މެޑްރިޑުން ވަނީ 3-1 އިން ބެލްޖިއަމްގެ ކްލަބް ބްރޫޖް ބަލިކޮށްފަ އެވެ. އެތުލެޓިކޯގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން އެވެ. އަނެއް ލަނޑު ޖެހީ މިޑްފީލްޑަރު ކޯކޭ އެވެ. ބްރޫޖްގެ ލަނޑު ޖެހީ އާނައުޓް ގްރޮނެވެލްޑް އެވެ.

މި ގްރޫޕުގެ އަނެއް މެޗުން ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ފަސޭހަކަމާ އެކު 3-0 އިން މޮނާކޯ ބަލިކޮށްފަ އެވެ.