ބާސެލޯނާ މޮޅުނުވުމުގެ ފައިދާ ސެވިއްޔާ އަށް

ސެވިލް، ސްޕެއިން (އޮކްޓޫބަރު 8) - ސްޕެނީޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ވެލެންސިއާއާ 1-1 އިން އެއްވަރުވިއިރު، ސެވިއްޔާ ކުޅުނު މެޗުން 2-1 އިން ސެލްޓަ ވީގޯ ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ސެވިއްޔާ އެއް ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އަށް މެޗުން ލިބުނީ 15 ޕޮއިންޓެވެ. އެތުލެޓިކޯ ވަނީ ރޭ ކުޅުނު މެޗުން ރެއާލް ބެޓިސް އަތުން 1-0 އިން މޮޅުވެފަ އެވެ.

ރޭގެ މެޗު ފަށައިގެން ދެ މިނިޓް ތެރޭގައި ވެލެންސިއާ އަށް ލީޑުނަގައިދިނީ އެޒެކީލް ގަރާއި އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ގަރާއި އަށް ލިބުމުން އޭނާ ވަނީ ފަސޭހަކަމާ ގޯލަށް ފޮނުވާލައިފަ އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ލިއޮނަލް މެސީ އެވެ. އޭރިއާ ބޭރުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މޮޅުނުވެވުމުން ހަަމައެކަނި ވިސްނަނީ ގެއްލުނު ދެ ޕޮއިންޓާ މެދު ކަމަށާއި އެއީ ކޮންމެ މެޗަކަށް ވެސް ބާސެލޯނާގެ އަމާޒަކީ ތިން ޕޮއިންޓް ކަމަށެވެ. އަދި މިއީ އޭނާގެ ނަޒަރުގައި މޮޅުވެވޭނެ މެޗެއް ކަމަށާއި ދެ ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ނަސީބު އެހީނުވީ ކަމަށެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ޕަބްލޯ ސަރަބިއާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފް ފަށައިގެން ދިހަ މިނިޓް ތެރޭގައި ސެލްޓާގެ ނެސްޓޯ އަރައުހޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެ ޓީމު ކުޅުނީ އެއް ކުުޅުންތެރިއަކު މަދުކޮށެވެ. އޭގެ ފައިދާނަގައި ވިސާމް ބެން ޔެޑާ ވަނީ ސެވިއްޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ސެލްޓާގެ ހަމައެކަނި ލަނޑު ޖެހީ ކުރިން ސައުތެމްޓަން އަށް ކުޅުނު ސޯފިއަން ބޫފަލް އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެންހެލް ކޮރެއާ އެވެ.