ރެއާލަށް ނޫނެކޭ ބުނަން އުނދަގޫވި: އެންރީކޭ

މެޑްރިޑް (އޮކްޓޫބަރު 12) - ރެއާލް މެޑްރިޑްގެ ކޯޗުކަން އޭނާ އަށް ހުށަހެޅި ކަމަށާއި އެ ފުރުސަތަށް ނޫނެކޭ ބުނަން ވަރަށް އުނދަގޫވި ކަމަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ޒިނެދިން ޒިދާން ވަނީ މިދިޔަ މެއި މަހު ކުއްލި ގޮތަކަށް ރެއާލުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އާ ކޯޗެއް ހޯދަން ރެއާލުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ފުރަތަމަ ހުށަހެޅީ އެ ވަގުތު ޓީމަކާ ހަވާލުނުވެ ހުރި އެންރީކޭ އަށެވެ.

"ތެދެއް. ރެއާލުން އަހަންނަށް ކޯޗުކަން ހުށަހެޅި. އެކަމަކު އޭރު އަހަރެން ބޭނުންވީ ތަފާތު ޗެލެންޖެއް. ވަރަށް ގިނަ ކްލަބްތަކުން ވަޒީފާ ހުށަހެޅި. އެންމެ އުނދަގޫވީ ރެއާލަށް ނޫނެކޭ ބުނަން. އެއީ އަހަރެން އެ ޓީމަށް ކުޅެފައި ވެސް ހުރީމަ،" ސްޕެއިންގެ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުންޏެވެ.

އެންރީކޭ އެންމެ ފަހުން ކޯޗުކޮށްދިން ކްލަބަކީ ބާސެލޯނާ އެވެ. އެ ޓީމާ އެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. ރެއާލަށް ނޫނެކޭ ބުނީ ބާސެލޯނާގެ ވާދަވެރި ކްލަބަކަށްވުމުން ނޫން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

"ފަހުގެ ތާރީހުގައި އެ ދެ ކްލަބަށް (ރެއާލާއި ބާސެލޯނާ) އަށް ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އަހަރެން ހިމެނޭނެ. އަހަންނަށް ދެ ޓީމުގެ ސަޕޯޓަރުން ވެސް ނަފުރަތެއް ނުކުރާނެ. އެހެންވީމަ ވަކި ސަބަބެއް ނެތް،" އެންރީކޭ ބުންޏެވެ.

އެންރީކޭ އަށް ވަނީ ރެއާލުގެ އިތުރުން ޗެލްސީ އާއި އާސެނަލުން ވެސް ހުށަހެޅުން ލިބިފަ އެވެ.

ރެއާލުން ތަފާތު ކޯޗުން ގެންނަން މަޝްވަރާ ކުރުމަށް ފަހު އެންމެ ފަހުން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ސްޕެއިނުގެ ކޯޗަކަށް އޭރު ހުރި ހުލެން ލޮޕެޓެގީ އެވެ. ވޯލްޑް ކަޕުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން ލޮޕެޓެގީ ރެއާލާ އެކު އެއްބަސްވުން ހެދުމުން އެކަމާ ހިތްހަމަ ނުޖެހިގެން ސްޕެއިނުން ވަނީ ލޮޕެޓެގީ މަގާމުން ވަކިކޮށްފަ އެވެ. ވޯލްޑް ކަޕްގައި ސްޕެއިނަށް ކޯޗުކޮށްދިނީ ފެނާންޑޯ ހިއެރޯ އެވެ.

ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ރެއާލަށް އެންމެ އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ އެ ޓީމުގައި އޭނާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެންރީކޭ ސްޕެއިންއާ ހަވާލުވީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ސްޕެއިންއާ ހަވާލުވެ އެންރީކޭ އަންނަނީ އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.