ފަހު ވަގުތުގެ ގޯލާ އެކު އިޓަލީ ސަލާމަތްވެ ޕޮލެންޑް ރެލިގޭޓްވެއްޖެ

ކޮރްޒޯ (އޮކްޓޯބަރު 15) – ފަހު ވަގުތު ކްރިސްޓިއާނޯ ބިރާގީ ވައްދާލި ގޯލާ އެކު ޕޮލެންޑް 1-0 އިން ބަލިކޮށް އިޓަލީން ޔުއެފާ ނެޝަނަލް ލީގުގެ، ފުރަތަމަ ޑިވިޝަނުގައި ދެމި އޮތްއިރު ޕޮލެންޑް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ.


މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ގޮތުގައި ބަލާ ލީގު އޭ ގެ ގްރޫޕް ތިނެއްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޕޯޗުގަލެވެ. އިޓަލީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ޕޮލެންޑް ރެލިގޭޓްވީ އެއް ޕޮއިންޓާ އެކު ފުލަށް ގޮސްގެންނެވެ. ބާކީ އޮތް ޕޯޗުގަލް މެޗުން އެ ޓީމު މޮޅުވި ނަމަވެސް، އެ ޓީމަށް އިޓަލީގެ މައްޗަށް ކުރި ހޯދޭނެ ގޮތެއް ނެތެވެ.

ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ދެ ވަނަ ޓީމު ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނައިރު މީގެ ތެރެއިން އެއް ވަނަ ޓީމަށް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރަކުން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގެ އެއް ވަނަ ކަނޑައެޅޭނީ ޕޯޗުގަލުން އިޓަލީ އާއި ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފަހު އެވެ.

ވޯލްޑް ކަޕާއި ޔޫރޯ ނޯންނަ އަހަރުތަކުގައި ބާއްވާ މި މުބާރާތް ދެން އޮންނާނީ 2020 ގަ އެވެ. ހަތަރު ޑިވިޝަނެއްގެ ގޮތުގައި މި އަހަރު ކުރިއަށްދާއިރު 2020 ވަނަ އަހަރުގެ މުބާރާތުގެ ޑިވިޝަންތަކަށް ޓީމުތައް ރޭންކްކުރެވޭނީ މި އަހަރުގެ މުބާރާތުންނެވެ.

ޕޮލެންޑުގައި އެ ގައުމު އަތުން ރޭ އިޓަލީ މޮޅުވިއިރު މިއީ އާ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގައި އިޓަލީން ވަނީ ބަލާ ހިތްވާ ފަދަ އެޓޭކިން ފުޓްބޯޅައެއް ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ވެސް އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ޓީމުން ނަތީޖާ ނެރުނު ގޯލް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ބިރާގީ ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައެއް ކެވިން ލަޒާނާ ބޮލުން ޖައްސާލުމުން ވެއްޓިގެންފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ ފިއޮރެންޓީނާގެ ވާތު ބެކް ގައުމީ ޓީމަށް ކުޅެދިން ތިން ވަނަ މެޗެވެ.

އޭނާ ގޯލް ޖެހުމަށް ފަހު އަތުގެ އިޝާރާތުން "13" ނަމްބަރު ދައްކައި އެ ގޯލް ހާއްސަކުރީ މިދިޔަ މާޗު މަހު މަރުވި ފިއޮރެންޓީނާ އާއި އިޓަލީގެ ޑިފެންޑަރު ޑޭވިޑް އެސްޓޯރީ އަށެވެ. ބިރާގީ ބުނީ މިހިސާބަށް އައުމަށް އޭނާ އަށް އެސްޓޯރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

"އާ ފެށުމެއް ފެށިއްޖެ މިހާރު ވެސް،" މަންޗިނީ ބުންޏެވެ. "އަހަރެމެން މެޗު ޑޮމިނޭޓްކުރީ. ފުރަތަމަ ގޯލް އަހަރެމެން ޖަހަން ޖެހޭ. މެޗު 0-0 އިން އެއްވަރުވި ނަމަ އިންސާފުވެރި ނުވީސް. ވަރަށް ރަނގަޅު މެޗެއްގައި ރަނގަޅު މޮޅެއް މި ލިބުނީ."

މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އަލުން ޓީމެއް ބިނާކުރަން މަންޗިނީއާ ހަވާލުކޮށްފައިވާއިރު އޭނާ އަންނަނީ އާ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ. އެގޮތުން ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ފިޔަވައި ޖުމްލަކޮށް ހިމެނެނީ އާ ކުޅުންތެރިންނެވެ. އާ ތަރިންގެ ތެރެއިން ނިކޮލޯ ބަރެއްލާ އާއި ފެޑެރިކޯ ކިއޭސާ ވަނީ ރޭ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.